ޚަބަރު

އިތުރުވަގުތުގައި ހޯދި ޕޮއިންޓާއެކު މާޒިޔާ އެއްވަނަ ޔަގީންކުރިއިރު އޮޑިއަށް ލިބުނީ 3 ވަނަ


އެފްއޭއެމްގެ ލީގުކަޕްގައި އޮޑި ސްޕޯޓްސް އަތުން ފަހު ވަގުތު ލިބުނު ޕޮއިންޓާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ތާވަލުގެ އެއްވަނަ ހޯދައިފިއެވެ.

މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން 1-1 އަކުން އޮޑިއާއި އެއްވަރުކޮށްފައިވާއިރު މި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެފައިވަނީ އޮޑިންނެވެ. މެޗުގެ ފުރަތަމަ ލަނޑު އޮޑިން ކާމިޔާބުކޮށްފައިވާއިރު އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 22 ވަނަ މިނިޓްގައި އޮޑީގެ ހައިޝަމް ރަޝީދު ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ރަނގަޅު ހަމަލާތަކެއް އުފައްދާފައިވާއިރު އޮޑީގެ ގޯލް ކީޕަރު ވަނީ އެ ހަމަލާތައް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެންމެފަހުގެ ޗެމްޕިއަން މާޒިޔާއަށް ވަރަށް ބޮޑަށް ޕްރެޝަރާއި ކުރިމަތިލާން ޖެހުނު މި މެޗުގެ ދެވަނަ ހާފަށް ދެޓީމުން ނިކުތީ ބަދަލުތަކަކާއެކުގައެވެ. އެގޮތުން އޮޑީގެ ކީޕަރަކަށް ނިކުތީ އަބުދުﷲ ޒިމާމްއެވެ. އަދި ދެވަނަ ހާފްގައި އޮޑީގެ މުހައްމަދު ރަޝީދު (ހޮކޭ) ވެސް ވަނީ ކުޅެން އަރުވާފައެވެ. މާޒިޔާއިން ދެވަނަ ހާފް ފެށީ ކެޕްޓަން ސަމޫޙް އާއި އަލީ ފާސިރު އަދި ހަސަން ރާއިފު އަހުމަދު (ހަންނަ) އާއެކުއެވެ.

62 ވަނަ މިނިޓްގައި ހޮކޭ ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅަ ރެފްރީ ނިންމީ އޮފްސައިޑްކަމަށެވެ. މީގެއިތުރުން އަލީ ފާސިރު ސެންޓޭ ވެސް ވަނީ އޮފްސައިޑް ލަންޑެއް ދެވަނަ ހާފްގައި ޖަހާފައެވެ. 0-1ގެ ނަތީޖާގައި އޮވެ 90 މިނިޓް ހަމަވިފަހުން އިތުރު ވަގުތުގެ ގޮތުގައި 9 މިނިޓް ދެއްކިއެވެ. އިތުރުވަގުތުގެ ތެރޭގައި އޮޑީގެ މިސްރު ޑިފެންޑަރ އިސްލާމް ފެކްރީ މާޒިޔާގެ ސެންޓޭއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ.

މާޒިޔާގެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލީ ފާސިރު (ސެންޓޭ) ވަނީ މާޒިޔާގެ ނުތަނަވަސްކަން ފިލުވާލަދީފައެވެ. އަދި ފަހު ވަގުތުކޮޅުގެ ތެރޭގައި ދަނޑުމަތީގައި ފައުލްތައް ގިނަވެ ރެފްރީންނާއި މާޒިޔާގެ ކޯޗިން ސްޓާފުންގެ މެދުގައިވެސް ބަހުގެ ހަމަލާތައް ބަދަލުކުރެވުނެވެ. ރެފްރީންނާ ދެމެދު ހިނގި ބަހުގެ ހަމަލާތަކަށްފަހު މާޒިޔާގެ އޮފިޝަލް މުހައްމަދު ސުވެއިދު އަށްވަނީ ރީންދޫކާޑު ދައްކާފައެވެ.

މިހާރު ލީގުކަޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު މާޒިޔާވަނީ 10 ޕޮއިންޓް ކަށަވަރުކޮށްފައެވެ. ދެވަނައިގައި އޮތީ ހަ ޕޮއިންޓާއިއެކު ނިއުރޭޑިންޓެވެ. ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 4 މެޗުން ފަސް ޕޮއިންޓެވެ. ހަތަރު ފޮއިންޓާއެކު ޓީސީ ސްޕޯޓްސް ކުލަބު ހަތަރުވަނައިގައި އޮތް އިރު ފުލުގައި އޮތީ ކުޅުނު ހުރިހާމެޗަކުން ބަލިވި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގައި ލީގު ބުރުގެ ފަހު މެޗުގައި މިރޭ 21:00 ގައި ކުޅެން ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ނިއުރޭޑިއަންޓެވެ.