ކުޅިވަރު

ރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާއަށް


އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ކުޅޭނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައި ކަމަށް ޓީމޯ ލެސްޓޭ ފުޓްބޯލް ފެޑެރޭޝަން (އެފްއެފްޓީއެލް) އިން އިއުލާންކޮށްފިއެވެ.

އެއީ އަން ޖޫން މަހުގެ 10 ވަނަ ދުވަހު، 2027 ވަނަ އަހަރު ސައުދީއަރަބިއްޔާގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިން މެޗެވެ.

އެ މެޗުގެ ކުރިން ރާއްޖޭން ސިންގަޕޫރުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ސިންގަޕޫރުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށްފަހު ގައުމީ ޓީމު ޓީމޯ ލެސްޓޭ މެޗަށް ތައްޔާރުވާއިރު، މިފަހަރުވެސް ގައުމީ ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ

އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅުމަށްވަނީ ތާވަލްކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފިލިޕީންސް މެޗަށްފަހު، ޖޫން 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެއަށްފަހު އޮންނާނީ އޮކްޓޯބަރު ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 14ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.