ދުނިޔެ

އިންސާނީ ހައްޤުތަކުގެ މުޢާހަދާއަށް އަމަލުކުރުން ހުއްޓާލުން


އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ވިލާތުގެ މުޢާހަދާއަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓާލިކަން ތުރުކީވިލާތުން އިޢުލާނުކޮށްފިއެވެ. 

ތުރުކީވިލާތުގެ ބޮޑުވަޒީރުގެ ނައިބު ނުޢުމާން ކުރްތުލްމުޝް ވިދާޅުވީ އެމުޢާހަދާއަށް ޢަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ތުރުކީ ސަރުކާރުން ނިންމީ ތުރުކީވިލާތުގައި އިޢުލާނުކުރި ކުއްލި ޙާލަތުގެ ސަބަބުންކަމަށެވެ. ކުއްލި ޙާލަތު އިޢުލާނުކޮށްފައިވާއިރު އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ވިލާތުގެ މުޢާހަދާއަށް ޢަމަލުކުރެވެން ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ތުރުކީވިލާތަށް ގެންނަން އުޅުނު ނާކާމިޔާބު އަސްކަރީ ބަޣާވާތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ބުދަދުވަހު ވަނީ އެޤައުމުގެ ކަންކޮޅުތަކުގައި ތިންމަސްދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާން ކުރައްވާފައެވެ. މިދިޔަ ނޮމެމްބަރުމަހު ފަރަންސޭސިވިލާތުގެ ޕެރިހަށް ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެން އެޤައުމުންވެސް ކުއްލި ޙާލަތު އިޢުލާންކުރުމަށްފަހު އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ ވިލާތުގެ މުޢާހަދާއަށް ޢަމަލުކުރުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.