މުލަަކަތޮޅުގައި ބީއެމްއެލްގެ ޚިދުމަތް ފެށިތާ 30 އަހަރުފަހުން ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށައިފިއެވެ. ބީއެމްއެލްއިން މިހާރު ކުރިއަށް ގެންދާ އޭޓީއެމް މަޝްރޫޢުގެ ދަށުން އެއަތޮޅުގެ 7 ރަށުގައި އޭޓީއެމްވަނީ ބަހައްޓާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުއެވެ. މިމަސައްކަތުގެ ދަށުން އެންމެ ފަހުން އޭޓީއެމްތައް ބަހައްޓައި ނިންމާފައިވަނީ މުލަކަތޮޅުގައެވެ.
މީގެކުރިން މުޅި މުލަކަތޮޅުގައިވެސް އޭޓީއެމް ބެހެއްޓިފައިވަނީ އެ ބޭންކުގެ މުލީ ބްރާންޗުގައެވެ. މުލީ ބްރާންޗުގައި 2 އޭޓީއެމެއް ބަހައްޓާފައިހުރެއެވެ. މިއީ އަތޮޅުގެ ހުރިހާ ރަށަކުންވެސް މީހުން ޚިދުމަތް ހޯދަމުންދިޔަ އޭޓީއެމްއެވެ. ނަމަވެސް މިއަދާ ހަމައަށް މިހާރުވަނީ އެއަތޮޅުގެ 7 ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.
1. މ. ދިއްގަރު
2. މ. މަޑުއްވަރި
3. މ. ރަތްމަންދޫ
4. މ. މުލަކު
5. މ. ވޭވަށް
6. މ. ނާލާފުށި
7. މ. ކޮޅުފުށި
ބީއެމްއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މުލަކަތޮޅުގައި ބީއެމްއެލްގެ ޚިދުމަތް ދޭން ފެށިތާ 30 އަހަރުވެގެން ދިޔައިރުވެސް އެއަތޮޅުގެ އިތުރު އެއްވެސް ރަށެއްގައި އޭޓީއެމް ބެހެއްޓިފައި ނުވާކަމަށެވެ.
"މުލީގައި ބްރާންޗެއް ހުޅުވައިފި މީގެ 30 އަހަރު ކުރިން. މުލި ފިޔަވާ މިއަތޮޅުގެ އެއްވެސް ރަށެއްގައި އޭޓީއެމެއް ނެތް. ބޭންކުގެ މުވައްޒަފުން އައުން ފިޔަވާ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ދާން ޖެހެނީ ޚަރަދުކޮށްފައި މުއްޔަށް. އެހެންނަމަވެސް، މިއޭޓީއެމްތަކާއެކު މިއަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހުންނާނެ" ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 5 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން ފުރަތަމަ ޚިދުމަތް ދޭން ފެށީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައެވެ. އޭގެ ފަހުން މިހާތަނަށް ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ވަނީ ޤާއިމްކޮށްފައެވެ.
ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާއެކު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެ ކަމަށް އެބޭންކުން ވިދާޅުވެއެވެ.
މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި މަޝްރޫޢެކެވެ.