ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސަޢުދީ އަރަބިއްޔާގެ ވަފުދުތައް މިއަދު ވަޑައިގަންނަވަން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިޚިދުމަތް ފެށުމަށް ސަޢުދީގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އެ ވަފުދުގައި އިސްކޮށް ވަޑައިގަންނަވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން ޢަބްދުލްޢަޒީޒު އަލްޔަޙްޔާކަމަށެވެ.
އަންނަ ހޯމަދުވަހު މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަނޑައަޅާފައި އޮންނަ ހުރިހާ ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަކަން ދެވިގެންކަމަށެވެ. އަދި މައްކާ ރޫޓްގައި އިފްތިތާހްވުމުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމާއި ލަގެޖް ނަގަން މަޑުކުރަން ނުޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މަތިންދާ ބޯޓުން ފައިބާ ގޮތަށްއް ހޮޓަލަށް ދެވޭނެކަމަށާއި ލަގެޖް ވެސް ލިބޭނީ ހޮޓަލަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން ރަސްމީކޮށް އިސްތިޤުބާލުކުރާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޖިއްދާ އެއަރޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީޚީ ފަސޭހަކަމެއްކަމަށެވެ.
މައްކާ ރޫޓް އިނިޝިއޭޓިވް މިމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓުކޮށްފައެވެ. މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. އަދި މިއީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.