ހ. މީޓާޒްގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވަނީ މި މައްސަލައިގައި އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރުމާ ގުޅިގެންނެވެ.
ރައުދު ހައްޔަރުކުރުމަށްފަހު އިއްޔެ އޭނާ ބަންދުން ދޫކޮށްލިއެވެ. ނަމަވެސް ގިނަ އިރުތަކެއްނުވަނީސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް އޭނާ ހައްޔަރުކޮށްފައެވެ.
ރައުދު ހައްޔަރު ކުރި ފުރަތަމަ ފަހަރު އޭނާގެ ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެއެވެ.
އަންހެންމީހާ ވެއްޓިފައި އޮތްވާ ފެނުނު މައްސަލައާ ގުޅިގެން ރައުދު އަހުމަދު ޒިލާލު ހައްޔަރުކުރީ އެ އަންހެންމީހާ ވެއްޓުނުއިރު އޭނާއާއެކު ރައުދު ހުރިކަން ވީޑިއޯ ފުޓޭޖްތަކުން ފެންނަތީއެވެ. އަންހެންމީހާ ވެއްޓުނީ ހ. ފެންޓޯނިއާގެއިންނެވެ. އެ ގޭގައި ރައުދުއާއި އަންހެންމީހާ އެކުގައި އުޅޭ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.
މިހާދިސާގައި ވެއްޓުނު އަންހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރުވަނީ މެލޭޝިޔާއަށް ގެންގޮސްފައެވެ.
މިހާދިސާ ތަހުގީގުކުރަން، ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވަނީ އުފައްދަވާފައެވެ.