ލިވަޕޫލްގެ ސަޕޯޓަރުން އެ ކުލަބުގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑަށް މަލާމާތްކުރުމުން އޭނާ މެޗު ނުބައި ޓީވީ ނިވާލި ކަމަށް ކުރީގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
އޭނާ މިހެން ބުނީ ލިވަޕޫލް ފައުންޑޭޝަނުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. ކްލޮޕް އަކީ 2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވުމަށްފަހު ތަށި ނުލިބެ ޓީމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ލިވަޕޫލަށް އިނގިރޭސި ޕްރިމިއަރ ލީގާއ، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްދިން ކޯޗެވެ. އަދި އާނޯލްޑް އެކެޑަމީގައި ހުއްޓައި ފުރަތަމަ ޓީމަށްވެސް ގެނެސް ކުޅުވަން ފެށީވެސް މިދިޔަ ސީޒަނަށް ފަހު ކޯޗުކަން ދޫކޮށްލި ކްލޮޕެވެ.
ލިވަޕޫލްގެ ސަޕޯޓަރުން އާނޯލްޑަށް މަލާމާތްކުރަން ފެށީ މި ސީޒަނަށް ފަހު އެ ކުލަބު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން އޭނާ ނިންމުމުންނެވެ. މިކަމާމެދު ކްލޮޕް ބުނީ އެއީ ސަޕޯޓަރުން މާޔޫސްވާނެ ކަމެއް ނޫނޭ ބުނަން އޭނާ ބޭނުނުވާ ކަމަށެވެ.
"އަހަރެން މި ބުނަނީ އެމީހުން (ސަޕޯޓަރުން) އެ ވިސްނާ ގޮތް ބަދަލު ކުރާށެކޭ ނޫން. އަދި އެމީހުން އެ ވިސްނާ ގޮތް ކަމުނުގޮސްގެން ވެސް ނޫން އަހަރެން ވާހަކަ މި ދައްކަނީ. އަހަރެން ކަމެއް ބަދަލު ކުރާކަށް ވެސް ނޫޅެން. އެކަމަކު އޭނާ އަށް އެ ގޮތަށް މަލާމާތް ކުރުމަކީ އަހަރުމެން ކޮށްގެންވާނެ ކަމެއްނޫން،" ކްލޮޕް ބުންޏެވެ.
ނަމަވެސް ލިވަޕޫލް ސަޕޯޓަރުން އާނޯލްޑަށް މަލާމާތް ކުރަން ފެށުމުން ކްލޮޕް ބުނީ ޓީވީ ނިވާލާ ކަމަށެވެ.
"އަހަރެން ލިވަޕޫލް މެޗުތައް ބަލަން. އަހަރެންނަށް ގަބޫލެއް ނުކުރެވޭ އެއީ އަހަރުމެން (ލިވަޕޫލްގެ ސަޕޯޓަރުން) ކުރާނެ ކަމެއް ކަމަށް. އެމީހުން އެކުރާ ކަންކަން ގޯސް. އަހަރެން ނުބުނަން އޭނާ ދާތީވެ ސަޕޯޓަރުން މާޔޫސް ނުވާނެއެކޭ. އެކަމަކު އޭނާ އަށް މަލާމާތް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ އޭނާ މި ކުލަބަށް ކޮށްދިން ކަންތައްތަކުގެ މަތިން. އޭނާ ހޯދައިދިން ކާމިޔާބީގެ މަތިން. އަހަރެން އެދެނީ އޭނާ އަށް ޝަރަފުވެރިކަން ދިނުން،" ކްލޮޕް ބުންޏެވެ.
އާނޯލްޑަށް މަލާމާތް ނުކުރުމަށް ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް ވެސް ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.