ޚަބަރު

ޤައުމީ ޚިދުމަތުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް އެދި 658 އަށްވުރެ ގިނަ ހުށައެޅުން


  • ޤައުމީ ޚިދުމަތުގެ ޕްރޮގުރާމުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ކުށުން ދުރުކުރެވޭނެ

  • ހުށައެޅި ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 316 ކުދިން ހިމެނޭ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް އެދި މިހާތަނަށް 658 ފަރާތަކުން ހުށައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ" ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ގޭންގުތައް ހުއްޓުވުމާ ބެހޭ ބިލު ބިލު ތަޞްދީޤުކުރެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށް ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ޤައުމީ ޚިދުމަތުގެ ޕްރޮގުރާމް ކަމަށެވެ. މި ޕްރޮގުރާމުގެ ދަށުން ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިންނަށް ސިފައިންގެ ޚިދުމަތް މެދުވެރިކޮށް ތަމްރީންދެވި، ސިފަވަންތަ، އަޚުލާޤު ރަނގަޅު ބަޔަކު މުޖުތަމަޢަށް ނެރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިޕްރޮގުރާމްގައި ބައިވެރިވުމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 1 ވަނަ ދުވަހަށް ހަމަވާއިރު، މިހާތަނަށް 658 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ބެލެނިވެރިޔާގެ ހުއްދައާއެކު މިޕްރޮގުރާމްގައި ބައިވެރިވާން އެދި ހުށައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިޕްރޮގުރާމްގެ ތެރެއިން އަޚުލާޤު ރަނގަޅު، ދީނީ، މަސައްކަތްތެރި ކުދިން ނެރެވޭނެ. ޕްރޮގުރާމް ފުރިހަމަކުރުމަށްފަހު ސިފައިންގެއަށް ނޫނީ ފުލުހުންގެ ޚިދުމަތަށް ވަދެވޭނެ. ބޭނުން ނުންވަންޏާ އެހެން ދިމާއަކުންވެސް ކުރިއަށް ދެވިދާނެ. މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިންގެ ތެރެއިން ވަރަށް ގިނަ ކުދިން މަދުވާނެ." ރައީސް ވިދާޅުވިއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ މިޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ފަރާތްތަކަށް ކަމަށެވެ. މީގެ ތެރެއިން އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކު، ޤައުމީ ޚިދުމަތާ ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ވާނެއެވެ.

މިޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ޚިދުމަތްކުރެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވާންވާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. މިޕުރޮގުރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައެވެ.