ޚަބަރު

ލާބަދޫގައި ހަދާ އެއަރޕޯޓާގުޅޭ ސާރވޭ މިމަސް ނިމުމުގެ ކުރިން ނިމޭނެ


ގދ. އަތޮޅު ލާބަދޫގައި އެއަރޕޯޓެއް ހެއްދެވުމަށް ކުރައްވާ ސާރވޭގެ މަސައްކަތް މިމަސް ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ސަރުކާރުން ލާބަދޫގައި އެއަަރޕޯޓެއް ހެއްދެވުމަށް ނިންމެވީ އެ ސަރަޙައްދަކީ ސަރުކާރުން މިހާރު އިސްކަމެއް ދެއްވައިގެން ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސަރަޙައްދަކަށްވުމުން ކަމުގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ތަރައްޤީ ގެންނެވުމަށް ސަރުކާރުން އަންނަނީ ބޮޑެތި ހޭދަތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްްދުތަކުގައި ސަރުކާރުން އަންނަނީ ބޮޑެތި ބިޔަ ޕްރޮޖެކްޓްތައް ހިންގަވަމުންނެވެ.

ގދ. އަތޮޅު ލާބަދޫގައި އެއަރޕޯޓެއް އެޅުއްވުމަށް ނިންމަވާ މިކަމުގެ މަަސައްކަތް ފެށްޓެވުމަށް ސަރުކާރުން މިވަނީ ތައްޔާރުވެފައެވެ. ލާބަދޫއަކީ ގދ. ފިޔޯރީއާއި ފަރެސްމާތޮޑާއާއި ދެމެދުގައި އޮންނަ ފަޅުރަށެކެވެ. މި ރަށުގައި އެެއަރޕޯޓެއް އެެޅުއްވުމައްޓަކައި ހަދަންޖެހޭ ސާރވޭގެ މަސައްކަތްތައް ކުރުމަށް ކުރިއަށްއޮތް ހަފްތާތެރޭގައި އެއަރޕޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިން އެ ރަށަށް ގޮސް މަސައްކަތް ފައްޓާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ މަހުގެތެރޭގައި ސާރވޭއަށް ފަހު ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ފަށައިގަންނާނެކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ގދ.ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ގދ އަތޮޅުގައި މިހާރު އެއަރޕޯޓެއް އޮތްނަމަވެސް ފަރެސްމާތޮޑާއާއި ފިޔޯރީ އަދި ރަތަފަންދޫއާއި އެއަރޕޯޓް ދުރުގައި އޮތުުމުން މި ދާއިރާގެ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާކަމުގައެވެ. ލާބަދޫގައި އެއާޕޯޓު އެޅުމުން މި 4 ރަށުގެ ރައްޔިތުންނަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށް ވެސް މެންބަރު ފާހަގަކުރެއްވިއެވެ. އަދި އެ ސަރަހައްދަކީ ގިނަ ފަޅު ރަށްތަކެއް އޮތް ސަރަހައްދަކަށްވެފައި އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުން ޓުއަރިޒަމް ފުޅާކުރުމަށް ވެސް ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ލާބަދޫގައި އެއަރޕޯޓެއް އެޅުއްވުމަށް ނިންމެވިކަން އިޢުލާންކުރެއްވުމުން މި ސަރަހައްދުގެ ރައްޔިތުން ބުނީ މިއީ ސަރުކާރުން ރައްޔިތުންގެ އަޑު ގާތުން އައްސަވަމުންދާކަމުގެ ހެއްކެކަމުގައެވެ. އަދި މިއީ މީގެ އަހަރުތަކެއް ކުރިންވެސް އެފަރާތްތަކުން ނުހަނު ބޭނުންވެފައި ތިބިކަމެއްކަމަށާއި މިކަމުގެ ސަބަބުން މީގެކުރިން ކުރަމުން އައި ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.

މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ރަށްރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދެއްވުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށާއި، ފަސް އަހަރު ނިމިގެންދާއިރު މިރާއްޖެއިން ތަރައްޤީގެ ބޮޑު ތަފާތެއް ފެނިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ކަންކަމާމެދު ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އިޤްތިޞާދީ، ޢިޖްތިމާއީ އަދި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.