ޖަރުމަނުވިލާތުގެ މިއުނިކްގެ ޝޮޕިންގ ސެންޓަރެއްގެ ތެރޭގައި ރޭ އިރުއޮއްސެނިކޮށް ދިން ބަޑީގެ ޙަމަލާ ދިނީ އެންމެ މީހެއްކަމަށާއި އޭނާ އަމިއްލައަށް މަރުވެފައިވާކަމަށް އެޤައުމުގެ ފުލުހުން ބުނެފިއެވެ.
މިއުނިކްގެ އޮލިންޕިއާ ޝޮޕިންގ ސެންޓަރުގެ ތެރޭގައި ހުރި މެކް-ޑޮނަލްޑް ރެސްޓޯރަންޓުގެ ތެރޭގައި ދިން މިޙަމަލާގައި ނުވަ މީހުން މަރުވެ ސޯޅަވަރަކަށް މީހުންވަނީ ޒަޚަމްވެފައެވެ. މީގެ ތެރެއިން ތިން މީހެއްގެ ޙާލު ވަރަށް ސީރިއަސްކަމަށް ފުލުހުން ބުނެއެވެ.
މިޙަމަލާ ދިނުމުގައި ދެތިން މީހުން ޝާމިލްވާކަމަށް ފުރަތަމަ ލިބެމުންދިޔަ ރިޕޯޓްތައް ބުނިނަމަވެސް މިޙަމަލާ ދީފައިވަނީ އެންމެ މީހަކު ކަމަށް ޖަރުމަނުވިލާތުގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިޙަމަލާދިން މީހާގެ ހަށިގަނޑު ފެނިފައިވަނީ ޝޮޕިންގ ސެންޓަރާ ގާތްގަނޑަކަށް އެއް ކިލޯ މީޓަރު ދުރުން ކަމަށް ފުލުހުން ބުނެއެވެ. މިޙަމަލާ ދިނީ އަށާރަ އަހަރުގެ މީހެއްކަމަށާ އޭނާ އަކީ ޖަރުމަނުވިލާތާއި އީރާނުގެ ރައްޔިތެއްކަމަށާއި ނަމަވެސް އޭނާ މިޙަމަލާދިން މަޤްޞަދު އަދި ނޭނގޭކަމަށް ފުލުހުން ބުނެއެވެ.
މިޙަމަލާދިނުމަށް ފަހު އޭނާ ޝޮޕިންގ ސެންޓަރުން ނުކުމެގެން ދިއުމާއެކު ޖަރުމަނުވިލާތުގެ ފުލުހުން ކުއްލި އޮޕަރޭޝަނެއް ފެށިއެވެ. އަދި މިއުނިކްގައި ކުއްލި ޙާލަތު އިޢުލާންކުރިއެވެ. މި އޮޕަރޭޝަން ނިމެންދެން ޢާންމު ރައްޔިތުން މިއުނިކްގެ މަގުތަކަށް ނުކުމެ ނޫޅުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.