ދުނިޔެ

ތުރުކީވިލާތުގެ ރިޔާސީ ގާޑުންގެ މުއައްސަސާ އުވާލަނީ


ތުރުކީވިލާތުގެ ރިޔާސީ ގާޑުންގެ މުއައްސަސާ އުވާލުމަށް އެޤައުމުން ނިންމައިފިއެވެ. 

ތުރުކީވިލާތުގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ އެޤައުމުގެ ވެރިކަން ބަދަލުކޮށްލުމަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންޤިލާބުގައި ރިޔާސީ ގާޑުންގެ ގިނަ ބަޔަކު ބައިވެރިވާކަމަށް ތުހުމަތު ކުރެވޭތީ ރިޔާސީ ގާޑުންގެ މުއައްސަސާ އުވާލުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ތުރުކީވިލާތުގެ ރިޔާސީ ގާޑުންގެ ފައުޖުން ވަނީ އެގައުމަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބުގެ ތެރޭގައި އެގައުމުގެ ރަސްމީ ޓީވީ ސްޓޭޝަންކަމަށްވާ ޓީއާރުޓީ ޗެނެލްގެ އިމާރާތަށް ހަމަލާދީ އެ ޗެނެލްގެ މަސައްކަތް ހުއްޓުވާލާފައެވެ. މީގެއިތުރުންވެސް އިންގިލާބު ކާމިޔާބުކޮށް ތުރުކީވިލާތުގެ ވެރިކަން ފޮރޮޅާލުމަށް ކުރި ޣައިރު ގާނޫނީ މަސައްކަތްތަކުގައި ރިޔާސީ ގާޑުންގެ ފައުޖު ވަރަށް ބޮޑަށް ޝާމިލްވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. 

މިކަންތައްތަކާ ގުޅިގެން ތުރުކީގެ ސަލާމަތީ ބާރުތަކުންވަނީ ރިޔާސީ ގާޑުންގެ ބައެއް އިސް އޮފިސަރުންނާއި އާދައިގެ ރޭންކްތަކުގެ މީހުން ހިމެނޭގޮތަށް އެމުއައްސަސާގެ ތިންސަތޭކައެއްހާ މީހުން ހައްޔަރުކޮށް އެތައްސަތޭކަ ބަޔަކު ވަޒީފާއިން ވަކިކޮށްފައެވެ. ތުރުކީވިލާތުގެ ރިޔާސީ ގާޑުންގެ ފައުޖަކީ އެގައުމުގެ ރައީސްއާއި ބޮޑުވަޒީރު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޚާއްސަ ލަޝްކަރެކެވެ. ދެހާސް ފައްސަތޭކަ މީހުން ހިމެނޭ އެލަޝްކަރުގެ ގިނަބައެއްގެ އިޚްލާސްތެރިކަން ނެތުމުން އެލަޝްކަރުގެ ބޭނުން މިހާރުނެތް ކަމަށާ ވަރަށް އަވަހަށް އެލަޝްކަރު އުވާލާނެކަމަށް ބޮޑުވަޒީރު ޔެލްޑްރިމް ވިދާޅުވިއެވެ. 

އަނެއްކޮޅުން ތުރުކީވިލާތަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބުގައި ސިފައިންގެ އެކި ރޭންކްތަކުގެ ގިނބަޔަކުވެސް ބައިވެރިވާކަމަށް ތުހުމަތުކުރެވޭތީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ ސިފައިންގެ މުއައްސަސާ ގެ އޮނިގަނޑުވެސް މުޅިން ބަދަލުކޮށް އައު ޒުވާނުން ސިފައިންގެ ތެރެއަށް ވައްދަން ނިންމާފައިވާކަން އިޢުލާން ކުރައްވާފައެވެ. ސިފައިންގެ މުއައްސަސާ ގެ އޮނިގަނޑު ބަދަލުކުރުމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ތުރުކީވިލާތުގެ އަސްކަރީ އެންމެމަތީ މަޖިލީހުގެ ބައްދަލުވުމެއްވެސް އަންނަ ބުރާސްފަތި ދުވަހު ބާއްވާގޮތަށްވަނީ ހަމަޖައްސާފައެވެ. 

ތުރުކީވިލާތުގެ އަމިއްލް ޓީވީ ސްޓޭޝަނެއްކަމަށްވާ އެންޓީވީ އަށް ދެއްވި ބަސްދީ ގަތުމެއްގައި ބޮޑުވަޒީރު ޔެލްޑްރިމް ވިދާޅުވީ މިއީ އިންގިލާބީ ހަރަކާތަށްފަހު އަސްކަރީ އެންމެމަތީ މަޖިލީހުން ބާއްވާ ފުރަތަމަ ބައްދަލުވުންކަމަށެވެ. އޭނާ ވިދާޅުވީ އިންގިލާބީ ހަރަކާތާ ގުޅިގެން ބޮޑެތި ސިޓީތަކުގެ މަގުތަކަށް ނެރުނު ބަރުހަތިޔާރުތައް ސިޓީތަކުން ބޭރަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށާ އަދި އިއުލާންކޮށްފައިވާ ތިންމަސްދުވަހުގެ ކުއްލިހާލަތުވެސް އިތުރު މައްސަލައެއް ކުރިމަތިނުވާނަމަ ވީއެންމެ އަވަހަކަށް ނިމުމަކަށް ގެންނާނެ ކަމަށެވެ. 

ތުރުކީވިލާތުގެ ސަލާމަތީ ބާރުތަކުން ހޮނިހިރު ދުވަހުވަނީ އިންގިލާބީ ހަރަކާތުގެ ފަހަތުގައިވާ ކަމަށް އެގައުމުން ތުހުމަތުކުރާ ސިޔާސީ ލީޑަރު ފަތްހުﷲ ގުލެން ގެ އިސް އެހީތެރިއަކު ހައްޔަރުކޮށްފައެވެ. އަދި އެމެރިކާގައި ދިރިއުޅުއްވާ ފަތްހުﷲ ގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އޭނާ ތުރުކީ ސަރުކާރާ ހަވާލުކުރުމަށް އެމެރިކާގެ ކިބައިން ރަސްމީގޮތުން އެދުމަށް ތައްޔާރުކުރާ ގާނޫނީ ލިޔުންތައްވެސް ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ނިންމާލެވޭނެކަމަށް ތުރުކީވިލާތުގެ ޖަސްޓިސް މިނިސްޓްރީން ބުނެއެވެ. ތުރުކީވިލާތުގެ ޖަސްޓިސް މިނިސްޓަރ މިދިޔަ ހަފްތާގައިވަނީ އިންގިލާބީ ހަރަކާތުގައި ފަތްހުﷲ ބައިވެރިވާކަމުގެ ހެކިތައް ބަޔާންކުރާ ލިޔެކިޔުންތަކެއް އެމެރިކާގެ ޖަސްޓިސް މިނިސްޓްރީ އަށް ފޮނުއްވާފައެވެ. އެމެރިކާއިން ވަނީ އެލިޔެކިޔުންތައް ދިރާސާކުރަމުން ގެންދާކަން ހާމަކޮށްފައެވެ.