ކުޅިވަރު

މާސްޓަރސް އެތުލެޓިކްސް ކުލަބުގެ އަމާޒު މި ފަހަރު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް


މާސްޓަރސް އެތުލެޓިކްސް ކުލަބުގެ މިހާރުގެ އަމާޒަކީ އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުން ކަމަށް އެ ކުލަބުން ބުނެފިއެވެ.

މާސްޓަރސް އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާ (އެމްއޭއެފްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިމުބާރާތް ބޭއްވުމަށް ތާވަލުކޮށްފަވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 5-9 އަށް އިންޑިއާގެ ޓެމިލްނާޑޫގައެވެ. ބައިނަލްއަގުވާމީ މިމުބާރާތް ބާއްވާ މިއީ 23 ވަނަ އަހަރެވެ.

މިމުބާރާތަށް ރާއްޖޭގެ އެތުލެޓިކްސް ކުލަބުން ތައްޔާރުވަމުން އަންނައިރު މިކަމާ ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުގެ ނައިބު ރައީސް އަހުމަދު އަޒީލް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ މުބާރާތެއްކަމަށެވެ. މި މުބާރާތުގައި ވަރަށް ގިނަ ގައުމުތަކަކުން ވާދަކުރާނެކަމަށާ މިމުބާރާތުން ލިބޭނެ ތަޖުރިބާވެގެންދާނީ ރާއްޖޭގެ މާސްޓާސް އެތުލީޓުން އިތުރު ހަރުފަތަކަށް އެރުމަށް ލިބިގެންދާނެ ބާރަކަށްކަމަށެވެ.

"އޭޝިއަން މުބާރާތެއްގަ މުޅިން އަލަށް މިދަނީ. އެހެންވީމަ ސީދާ އަޅުގަނޑަކަށް އެހެން ބުނާކަށް ނޭނގޭ މީގަ ލިބޭނީ ކިހާވަރެއްގެ ކާމިޔާބީއެއްކަމެއް. އެކަމު މީތި ވާނެ ކަންނޭނގެ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށް ކުރިއަށްދާން. އެންމެ ފަހުން މިބައިވެރިވީ ލަންކާގައި ބެއްވި ރީޖަނަލް މުބާރާތެއް. އެއާ މި އޭޝިއަން މުބާރާތާ ވަރަށް ބޮޑަށް ތަފާތުވާނެ، ފެންވަރުވެސް ތަފާތުވާނެ" އަޒީލް ވިދާޅުވިއެވެ.

މިއީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ މުބާރާތެކެވެ. މިމުބާރާތަށް ރާއްޖެއިން ހަ އެތުލީޓުންވަރުދާނެކަމަށް އަޒީލް ވިދާޅުވިއެވެ. އަދި އުންމީދަކީ ދާދިފަހުން ލަންކާގައި ނިމިގެންދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ލިބުނު ފަދަ ރަންވަނަތަކެއް ގައުމަށް އަނެއްކާވެސް ގެނެސްދިނުންކަމަށް އަޒީލް ފާހަގަކުރެއްވިއެވެ.

މިދިޔަ މެއި މަހުގެ 24-25 އަށް ސްރީ ލަންކާގައި ކުރިއަށްދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ ސްކޮޑުންވަނީ މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދާ ތަށި ހިއްލާލާފައެވެ. މީގެ އިތުރުން ހަ އެތުލީޓުންގެ މައްޗަށް ހިމެނުނު ޓީމުންވަނީ ދެ ރަން މެޑައްޔާ ރިހި މެޑައްޔެއްގެ އިތުރުން ލޯ މެޑައްޔެއްވެސް ގައުމަށް ގެނެސްދީފައެވެ. އެމުބާރަތުގައި ފަސް ގައުމަކުން 700އަށްވުރެ ގިނަ އެތުލީޓުންވަނީ ވާދަކޮށްފައެވެ.