ކުޅިވަރު

މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމަށް ހުޅުވާލައިފި


ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ "މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިއެސްޓާ 2025" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިއީ އެކައުންސިލުގެ ފަރާތުން ބާއްވާ ދެވަނަ ފުޓްސަލް މުބާރާތެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ މަޑަވެއްޔަށް ނިސްބަތްވާ ޓީމުތަކަށާ ކައުންސިލުން ދައުވަތުދޭ ކައިރި ރިސޯޓްތަކަށް އެކަންޏެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 12 ވަނަ ދުވަހުން ފެށިގެންގޮސް އަންނަ ޖުލައި މަހުގެ ތިންވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. ސެޕްޓެމްބަރު މަހުގެ 19 އިން 25 އަށް ތާވަލުކޮށްފަވާ މިމުބާރަތުގެ ކުޅުން ކުރިއަށްދާނީ މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ގުރުއަތުނެގުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހުގެރޭ 08:30 ގައެވެ.

މިމުބާރާތުގެ އެއްވަނަ ޓީމަށް -/25000ރ (ފަންސަވީސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއްދޭގޮތަށް ހަމަޖެހިފަވާއިރު، ރަނަރަޕް ޓީމަކަށް ލިބިގެންދާނީ -/15000ރ (ފަނަރަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެކެވެ.

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ މިމުބާރާތް ބެއްވުމުގެ މަގުސަދަކީ އެރަށުގައި ފުޓްސަލް އާލާކުރުމާއި، ރަށުގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި މިކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމަކީވެސް މިމުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ.

ރޭގަނޑު މެޗުތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގައި 08 ޓީމަށްވުރެ ގިނަ ޓީމުން ބައިވެރިވެއްޖެނަމަ މުބާރާތް ކުރިއަށްދާނީ ގްރޫޕް އުސޫލުންނެވެ. އަދި ބައިވެރިވި ޓީމުތަކުގެ އަދަދު 08 ޓީމަށްވުރެ މަދުވެއްޖެނަމަ މުބާރާތުގެ މެޗުތައް ކުޅޭނީ ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ޕޮއިންޓު ސިސްޓަމަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމާއި މުބާރާތުގެ ގަވާއިދު މިހާރުވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ