ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމަށް މި މުބާރާތަކީ ދެ އަހަރު ފަހުން އޮންނަ ސާބާ މުބާރާތަށް ތައްޔާރުވާން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެސިސްޓަންޓް ކޯޗު އައިމިނަތު ޝިއުރާ އަބްދުލްބާރީ ބުނެފިއެވެ.
16 އަހަރުން ދަށުގެ ގައުމީ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗު ޝިއުރާ ބުނީ މީގެ ދެއަހަރު ފަހުން އޮންނަ އަށާރައަހަރުން ދަށުގެ މުބާރާތަށް މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި މި ޓީމުގެ މުސްތަގްބަލު އުޖާލާވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މުބާރާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝިއުރާ ބުނީ މިއީ 16 އަހަރުންދަށުގެ އެންމެ ރަނގަޅު ޓީމާއެކީ ނިކުތްފަހަރު ކަމަށާއި، އެކަމަކުވެސް މުބާރާތް ނިންމާލެވުނީ އެންމެ ބޭނުންވި ނަތީޖާއިން ނޫން ކަމަށެވެ.
ޝިއުރާ ބުނީ ކުޅުންތެރިން ދެއްކި ހިތްވަރާއި ކުރި މަސައްކަތަށް ޝުކުރުވެރިވާކަމަށާއި، އެކަމަކު ހަގީގަތަށް ބުނާނަމަ މިއީ އެންމެ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ.
"މި މުބާރާތުގައި ކުޅުން ދައްކަން ބޭނުންވި ލެވެލަކަށް ހަގީގަތުގައި ބުނާނަމަ ނުދެއްކުނޭ ބުނެވޭނީ. ކޯޗިން ސައިޑުން އެކްސްޕެކްޓޭޝަން ހުރި ލެވެލަކަށްނޫން ނިންމާލެވުނީކީ. އެކަމަކު ހަމަ މެޑަލްއަކުން ނިންމާލެވުނީ އެކަންތައް އެވަރުގައި ސެލެބްރޭޓްކުރަން ބޭނުންވޭ" ޝިއުރާ ބުންޏެވެ.
ދަތިތަކާއެކުވެސް މި މުބާރާތަށް ޓީމު ނެރުނީ ކޯޗުންގެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެގެން ކަމަށާއި، އެކަމުގައި އެއްވެސް މައްސަލައެއް ދިމާ ނުވާކަމަށް ޝިއުރާ ބުންޏެވެ.
ހުރިހާ ކުދިންގެ ފިޓްނަސްވެސް ރަނގަޅު ކަމަށާއި މޭޖަރ އެއްވެސް އިންޖަރީއެއް ދިމާނުވެ ހުރިހާ މެޗެއްގައިވެސް ކުޅުންތެރިން ކުޅުނު ކަމަށް ޝިއުރާ ފާހަގަ ކުރިއެވެ.
މި މުބާރާތުގައި އެންމެ ވަރުގަދަ ޓީމަކީ އިންޑިއާ ނަމަވެސް ރާއްޖެއަށް އެންމެ ޗެލެންޖިން މެޗަކީ ސްރީލަންކާއާއި ދެކޮޅަށް ކުޅުނު މެޗު ކަމަށާއި، އެމެޗުގައި ބައެއްކަންކަން ރަނގަޅު ކޮށްލެވުނުނަމަ ރާއްޖެއަށް ކާމިޔާބު ކުރެވުނީސް ކަމަށްވެސް ޝިއުރާ ފާހަގަ ކުރިއެވެ.
މުބާރާތުގެ އިންތިޒާމުތަކާއި ގުޅޭ ގޮތުން ޝިއުރާ ބުނީ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަ ކަމަށެވެ. ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ލޯ މެޑެލް ހޯދާފައެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗުން ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވީ 86-22 ޕޮއިންޓުންނެވެ.