ޖަޕާނުގައި މީހަކު ވަޅިން ދިން ޙަމަލާތަކެއްގައި ނަވާރަ މީހުން މަރުވެ، އިތުރު ސާޅީސް ފަސް މީހުން ޒަޚަމްކޮށްލައިފިއެވެ.
ޖަޕާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި ވަޅިއެއް ހިފައިގެން ހުރިމީހަކު މިހަމަލާތައް ދިނީ ނުކުޅެދޭ މީހުން ބަލަހައްޓާ މަރުކަޒަކަށްވެދެ އެތަނުގައި ތިބި މީހުންނަށް ކަމަށެވެ. މިހަމަލާތަކުގައި ޒަޚަމްވި ސާޅީސް ފަސްމީހުންގެ ތެރެއިން ބައެއްމީހުންގެ ޙާލަތު ވަރަށް ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.
މިޖަރީމާ ހިންގާފައިވަނީ ޓޯކިޔޯގެ ހުޅަނގު ދެކުނުން ސާޅީސް ކިލޯމީޓަރުގެ ދުރުގައިވާ ޕްރޮވިންސެއްކަމަށްވާ ކަނަގާވާގެ ސަރަހައްދެއް ކަމަށްވާ ސަގަމިހާރާގައެވެ. މިހަމަލާތައް ދިނީ ސަތޯޝީ އުއެމަޗޫ ނަމަކަށް ކިޔާ މީހެއްކަމަށާ އެމީހާއަކީ ކުރިން ޖަލެއްގައި މަސައްކަތްކޮށްފައިވާ މުވައްޒަފެއްކަމަށް ޖަޕާން ފުލުހުން ބުނެއެވެ. އަދި އޭނާއަކީ ނުކުޅެދޭ މީހުން ބަލަހައްޓާ މިމަރުކަޒުގައިވެސް ކުރިން މަސައްކަތް ކޮށްފައިވާ މީހެއް ކަމަށް މައުލޫމާތުލިބެއެވެ. ޖަޕާން ފުލުހުންވަނީ މިހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. އޭނާ މިޖަރީމާ ހިންގި ސަބަބެއް އަދި ސާފުނުވާކަމަށް ފުލުހުން ބުނެއެވެ.
ޖަޕާން ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ހަމަލާދިންމީހާޔާ އައިއެސް ޖަމާއަތް ފަދަ ހަރުކަށި އެއްވެސް ޖަމާއަތަކާ ގުޅުމެއްނުވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ދުއްވި ކާރުންވަނީ ގިނަ އަދަދެއްގެ ވަޅި ފެނިފައެވެ. ނަމަވެސް އަމިއްލަޔަށް ފުލުހުންނާ ހަވާލުވުމަށް އޭނާ ދިޔައިރު އޭނާގެ އަތުގައި ވަޅިއެއްނެތް ކަމަށް ޖަޕާން ފުލުހުން މައުލޫމާތުދެއެވެ.