ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ މިސްރުގެ އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބްރެޒިލްގެ ޕަލްމެއިރާސްއިން ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ނިއު ޖާރޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 62 ވަނަ މިނިޓުގައި ބޯކޮށް ވިއްސާރަވުމުގެ ސަބަބުން މެޗުގެ ރެފްރީ ވަނީ ކުޅުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި މެޗުގެ ކުޅުން އަލުން ފަށާފައިވަނީ 40 މިނިޓު ފަހުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޕަލްމެއިރާސްއަށް ކުރި ލިބިފައިވަނީ އަލް އަހްލީގެ ވިސާމް އަބޫ އަލީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
މި ލަނޑަކީ ޕަލްމެއިރާސްއަށް ލިބުނު ހިލޭ ޖެހުމެއް ޕެނަލްޓީ އޭރިޔާ ތެރެއިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި އަބޫ އަލީ ބޮލުން ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވާ ލަނޑެކެވެ.
އަދި މެޗުގެ 59 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯސޭ ލޯޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕަލްމެއިރާސްގެ މިޑްފީލްޑާރ ރަފައެލް ވެއިގާއަށް ރެފްރީ ރަތް ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. އަދި ދެވަނަ ހާފަށް ނިކުތްއިރު ޕަލްމެއިރާސްގެ ކޯޗު އަބެލް ފެރޭރާ ވަނީ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ކުޅެން އަރުވާފަ އެވެ.
ގްރޫޕް އޭ ގައި ކުޅުނު މި މެޗުން ޕަލްމެއިރާސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ.