ކުޅިވަރު

ސިޓީއަށް ބޭނުންވަނީ 20 ކުޅުންތެރިން: ގާޑިއޯލާ


މެންޗެސްޓާ ސިޓީގެ ސްކޮޑް ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ކުޑަކުރަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ކުލަބު ވޯލްޑް ކަޕުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް އައިންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސްކޮޑް ކުޑަ ކުރުމުގެ ކުރިން ބޭނުންވަނީ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރަން ކަމަށެވެ. އޭގެ އެއް ސަބަބަކީ ބޮޑު ސްކޮޑެއް އޮތުމާއި ކުޅުންތެރިންގެ އުފާވެފައި ތިބި ކުލަބުން ވަކިވުމަށް ފުރުސަތު ދިނުން ކަމަށެވެ.

އޭނާ ބުނީ ސްކޮޑް ކުޑަކުރަން ބޭނުންވާ އެންމެ މުހިންމު ސަބަބަކީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވުމާއި ތަޖުރިބާކާރު އަދި އުމުރުން ދުވަސްވީ ގިނަ ކުޅުންތެރިތަކެއް ތިބުމުން އެ ހުރިހާ ކުޅުންތެރިން އުފާ ކޮށްދެވެން ނެތުމުން ކަމަށެވެ.

"ޔަގީނުން ވެސް އެއް ބަޔަކު ބޭނުންވާ ވަރަށް ފުރުސަތު ނުލިބިދާނެ. އޭރުން އެ މީހުން ފަހުން ދެރަވާނެ. އަހަރެން ދެރަވިޔަސް އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ކުޅުންތެރިން ދެރަ ވާކަށް. އެކަމަކު ބައެއް ކުޅުންތެރިން ކުލަބުގައި ތިބެއްޖެނަމަ އެ މީހުން އެންމެން އުފާ ނުކޮށްދެވިދާނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީގައި މި ވަގުތު 30 ކުޅުންތެރިންގެ އެބަތިބި ކަމަށް ވެސް ގާޑިއޯލާ ބުނެ އެވެ. ނަމަވެސް ވިދިވިދިގެން ހަތަރު އަހަރު ސިޓީ އަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ހުސްވި ސީޒަނުގައި ހުސް އަތާ ތިބެން ޖެހުނު ޓީމުގެ ކޯޗު ބުނީ ބޭނުންވަނީ 20 ކުޅުންތެރިން ކަމަށެވެ.

"އޭރުން އަހަރެންނަށް ޔަގީން ކުޅުންތެރިން އުފާވާނެކަން. އެއްވެސް ކުޅުންތެރިއަކު ނުކުޅެ ހުންނާކަށް ނުޖެހޭނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީގައި ތިބި ކުޅުންތެރިންގެ ތެރެއިން ކުރީގެ ކެޕްޓަން އިކާއީ ގުންޑޮގަން ގަތުމަށް ތުރުކީގެ ގަލަޓަސަރާއީން މަސައްކަތް ކުރާކަމަށް ވާހަކަ ދެކެވެ އެވެ. އަދި 20 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ސިޓީ އިން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަ ގާޑިއޯލާ ޔަގީންކޮށް ނުދިނެވެ. އޭނާ ބުނީ އެފަދަ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ސިޓީން ވަނީ ކުރި އަށް އޮތް ސީޒަން ފެށުމުގެ ކުރިން ޓީމުގެ ދެ ކެޕްޓަނުން ދޫކޮށްލާފަ އެވެ. އެއީ ޑިފެންޑަރު ކައެލް ވޯކާ އާއި މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. އުމުރުން 33 އަހަރުގެ ޑިބެރޭނާ ގުޅުނީ އިޓަލީގެ ނަޕޯލީއާ އެވެ. ލޯނު އުސޫލުން ސީޒަނުގެ ފަހު ބައި އިޓަލީގެ އޭސީ މިލާނަށް ކުޅުނު ވޯކަ ބޭނުން ކުލަބަކަށްދާން ވަނީ ދޫކޮށްލާފަ އެވެ.