ޚަބަރު

ކްލިނިކުތަކުގެ އަމާޒަކީ ބޮޑީބޯޑިންގެ ތެރެއަށް ކުދިން ވެއްދުން، ދެން އޮންނާނީ ޅޮހީގައި


ހުދުފޮނު ޕްރޮގުރާމުގެ އެންމެ ބޮޑު ފޯކަސްއަކީ ކުޅިވަރުގެ ތެރެއަށް ކުދިން ވެއްދުން ކަމަށާއި، ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވެއްޖެއެވެ.

ނ. ޅޮހީގައި ފަށާ ހުދުފޮނު ޕްރޮގްރާމް އާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ނިޒާމް ވިދާޅުވީ މި އަހަރު ފެއްޓުނު އިރު ކުލިނިކުތައް ހިންގަން ފެށީ މި ކުޅިވަރުގެ ތެރެއަށް އެތުލީޓުން ވެއްދުމަށްޓަކައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް ކުލިނިކްތައް ގެންދިއުމަށް ނިންމާ ހުދުފޮނު ޕްރޮގްރާމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރު ކުލިނިކުތައް ފުރަތަމަ ޖެއްސީ އުތުރުގައިކަމަށާ ދެން އެންމެ އަވަހަށް އޮންނާނީ ނ. ޅޮހީގައި ކަމަށްވެސް ނިޒާމް ވިދާޅުވިއެވެ. މި ކުލިނިކަކީ ނޫނު އަތޮޅު ހުރިހާ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ކްލިނިކެކެވެ.

ޅޮހީގައި ބާއްވާ ބޮޑީބޯޑިން ދަސްކޮށްދޭ ގައުމީ ޕްރޮގްރާމް “ހުދުފޮނު” ކްލިނިކަކީ މިއަހަރު ހިންގާ ތިންވަނަ ކުލިނިކެވެ. ޅޮހީގައި ކުލިނިކު ހިންގަނީ މިމަހުގެ 26-28 އަށެވެ. ޅޮހީގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޅޮހީ ޖަމްއިއްޔާއެއް ކަމަށްވާ ސާފް ސްކޮއާ އާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް 25 ޖޫން ވާ އާދިއްތަ ދުވަހު މެންދުރު 12ގެ ކުރިންނެވެ.

މި ކުލިނިކްތަކުގެ ސަބަބުން މުބާރާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނިޒާމު ވިދާޅުވިއެވެ.

"ދެން އޮތް މުބާރާތް އެއީ ހާއްސަ މުބާރާތެއް. އަދި ފަހުން އެ މުބާރާތް އިއުލާނުކޮށްލާނަން. އެ މުބާރާތަށް ހަމަ އައު ގިނަ ކުދިން މީގެ ތެރެއަށް ވަދެގެންދާނެ ކަމަށް އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދު އެބައޮތް" ނިޒާމް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ބުރުނު ޝިކާރު ބޮޑީ ބޯޑިން ޗެލެންޖުގައި އަލަށް ބައިވެރިވި ބައެއް އެތުލީޓުންނަކީ ހުދުފޮނު ޕްރޮގްރާމުގެ ބައިވެރިންކަން ފާހަގަކުރައްވާ ނިޒާމް ވިދާޅުވީ އެ ކުދިން ވަރަށް ހުނަރުވެރިކަމަށް ފާހަގަކުރެވުނު ކަމަށާއި ސެމީ ފައިނަލާ ހަމައަށްވެސް ދިޔަ ކަމަށެވެ.

އަދި އެކުދިންނަށް މިވަގުތު ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ބޮޑީބޯޑަރުންނާއި އެކު މުބާރާތެއްގައި ވާދަކޮށްލަން ލިބުމަކީ ވަރަށް ރަނގަޅު ތަޖްރިބާއެއް ކަމަށް ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ އެމްބީބީއޭއިން މަސައްކަތް ކުރަނީ ހުދުފޮނު ޕްރޮގްރާމުގެ ތެރެއިން މުބާރާތްތަކަށް އަންނަ ކުދިންނަށް ފުރުސަތުދީ އެކުދިން އިތުރަށް ކުރިއެރުވުން ކަމަށެވެ.