ރާއްޖޭގެ ޖޫނިއަރ ގައުމީ ޓެނިސް ޓީމުން ދެން ތައްޔާރުވަމުންދާނީ ރާއްޖޭގައި އަލަށް ބާއްވާ ބައިނަލްއަގުވާމީ މުބާރާތަކަށް ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.
ޓެނިސް އެސޯސިއޭޝަނުން ބުނީ މިއަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ޖޫނިއާ މުބާރާތެއް ކަމަށެވެ.
މިއީ 18 އަހަރުން ދަށުގެ މުބާރާތެއް ކަމަށާއި ބޭރުގެ ވަރަށް ގިނަ ގައުމުތަކުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ. މި މުބާރާތް ކުރިޔަށްދާނީ އޮގަސްޓް 18-28 އަށް މާލޭގައެވެ.
މި މުބާރާތް ނިމުމަށްފަހު ދެން ގައުމީ ޓީމު ތައްޔާރުވާނީ ސެޕްޓެމްބަރު 8-18 އަށް ބާއްވާ އޭޝިއަން ޓެނިސް ފެޑެރޭޝަންގެ 16 އަހަރުން ދަށުގެ މުބާރާތަށް ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ.
މީގެ ކުރިން ޓެނިސް ޓީމުން ތައްޔާރުވަމުން ދިޔައީ އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވަން އުޅުނު ބިލީ ޖީން ކިންގްކަޕަށެވެ. އެހެންނަމަވެސް އިސްރާއީލާ އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މުބާރާތް ބާއްވާ ދުވަހަށް ޓީމުތަކަށް އުރުދުންނަށް ނުދެވުމުން އެ މުބާރާތް ކެންސަލް ކުރީއެވެ.
އެ މުބާރާތް ކެންސަލްވުމުން ރާއްޖޭގެ ޓީމު ވަނީ އުރުދުންގައި ތިބި މުއްދަތުގައި އުރުދުންގެ ގައުމީ ޓީމާއެކު މެޗުތަކެއް ކުޅެފައެވެ. ރާއްޖޭގެ ގައުމީ ޓީމަށް މާލެ ނާދެވި ލަސްވިނަމަވެސް އުރުދުންގެ ޓެނިސް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައެވެ.
ގައުމީ ޓީމުގެ ކޯޗު އުރުދުންގައި ހުރުމަށްފަހު ދިޔައީ އިސްތަންބޫލްއަށް ކަމަށާއި، އެހެންނަމަވެސް މިއަދު ކޯޗު މާލެ އަންނާނެ ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ. ޖޫނިއާ ޓީމަށް އިރުޝާދު ދެނީ އީރާނުގެ ކާމިޔާބު ކޯޗު އަލީ ރިޒާއެވެ.