ޚަބަރު

އެތުލެޓިކޯ މޮޅުވި ނަމަވެސް، ދެވަނަ ބުރަށް ނުގޮސް ކަޓައިފި


ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ބްރެޒިލްގެ ބޮޓަފޯގޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް މޮޅުވި ނަމަވެސް، މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް އެ ޓީމު ކަޓައިފިއެވެ.

ގްރޫޕް އޭ ގައި ކުޅުނު މި މެޗުން އެތުލެޓިކޯ މޮޅުވިއިރު، އެ ޓީމުގެ އިތުރުން ބޮޓަފޯގޯ އާއި ޕީއެސްޖީއަށްވެސް ވަނީ ޖުމްލަ 6 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ބޮޓަފޮގޯއަށް ކުރި ލިބިފައިވަނީ ފައިދާ އެއް ގޯލުގެ ސަބަބުންނެވެ. އެތުލެޓިކޯއަށް ފައިދާ ގޯލެއް ލިބިފައެއް ނެތެވެ.

ލޮސް އެޖެލެސްގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެންޓޮއިން ގްރީޒްމަން އެވެ.

މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދަން ބޭނުންނަމަ 3 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެކަން އެތްލެޓިކޯ މެޑްރިޑަށް އެނގޭތީ މެޗު ފެށުނީއްސުރެ އެ ޓީމުން މަސައްކަތް ކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބު ކުރުމަށެވެ.

އެތްލެޓިކޯ މެޑްރިޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖުމްލަ 25 ހަމަލައެއް އުފައްދާފައިޥާއިރު އޭގެ ތެރެއިން ފަސް ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. މި މެޗުގައި ބޮޓަފޮގޯގެ ގޯލު ކީޕަރު ޖޯން ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެތްލެޓިކޯ އަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާތީ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ދެވަނަ ހާފުގައި ގްރޭޒްމަން ކުޅެން އަރުވާފަ އެވެ. އަދި އޭނާ ކުޅެން އެރުވުމާއިއެކު އެ ޓީމުން ހަމަލާތައް ވަނީ އިތުރަށް ނުރައްކާތެރިވެފަ އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ބޮޓަފޮގޯ އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕްގެ އެއްވަނަ އަށް ދާ ޓީމެކެވެ. އެއީ އެމެރިކާގެ އިންޓަރ މަޔާމީ ނުވަތަ ބްރެޒިލްގެ ޕަލްމޭރާސް އެވެ.