ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ އާޖެންޓީނާގެ ބޮކާ ޖޫނިއަރސްއާ ދެކޮޅަށް ނިއު ޒީލަންޑުގެ އޯކްލަންޑް ސިޓީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ނިއު ޒީލަންޑްގެ އެމެޗާ ކުޅުންތެރިން ހިމެނޭ އޯކްލަންޑް ސިޓީން ކުޅުނު މި މެޗު އެއްވަރުކުރުމާއެކު މިއީ މި މުބާރާތުގައި އެ ޓީމަށް ލިބުނު ހަމައެކަނި ޕޮއިންޓެވެ. އަދި މި މެޗުގައި އެ ޓީމުން ޖެހި ލަނޑަކީވެސް މި މުބާރާތުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑެވެ.
ގްރޫޕް ސީ ގައި ކުޅުނު މި މެޗު އެއްވަރުވިއިރު ބޮކަރ ޖޫނިއަރސްވެސް ވަނީ ދެވަނަ ބުރަށް ކޮލިފައިނުވެ މުބާރާތުން ކަޓާފަ އެވެ. އެ ޓީމަށް ތިން މެޗުން 2 ޕޮއިންޓް ލިބިފައިވާއިރު އޯކްލޭންޑް ސިޓީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
އޯކްލޭންޑް ސިޓީ އިން މެޗު ފަށައިގެން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 25 ވަނަ މިނިޓުގައި ބޮކާ ޖޫނިއަރސްގެ ލައުޓާރޯ ޑި ލޯލޯ ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އޯކްލޭންޑްގެ ގޯލު ކީޕަރު ގައިގައި ޖެހިފައި އެ ބޯޅަ ވަނީ ގޯލުގެ ތެރެއަށް ވަދެފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ކްރިސްޓިއަން ގްރޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އޯކްލޭންޑް އިން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ރެފްރީ ވަނީ ބޯކޮށް ވިއްސާރަވެ މޫސުމް ގޯސްވުމުގެ ސަބަބުން މެޗުގެ ކުޅުން ވަގުތީ ގޮތުން މެދު ކަނޑާލާފަ އެވެ. އަދި އަލުން ކުޅުން ފަށާފައިވަނީ 40 މިނިޓު ފަހުންނެވެ.