ޚަބަރު

ބަޔާން އަތުން މޮޅުވެ ބެންފީކާ ދެވަނަ ބުރަށް


ފީފާ ކުލަބު ވޯލްޑް ކަޕުގައި ރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ބެންފީކާއިން ހޯދައިފި އެވެ.

މި މެޗުން މޮޅުވުމާއެކު ގްރޫޕް ސީގައި ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ބެންފީކާއަށް ވަނީ އެއްވަނަ މަގާމު ލިބިފައެވެ. ބަޔާން މިއުނިކަށް ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބިފައިވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ޗާރލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް ހޫނު ގަދަވުމުގެ ސަބަބުން އެންމެ އެދެވޭ ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނިޓުގައި ބެންފީކާ އަށް ކާމިޔާބު ކޮށްދީފައިވަނީ އެންޑްރިއަސްޝެލްޑެރަޕް އެވެ. މި ލަނޑަކީ ގޯލާއި 15 ޔާޑު ދުރުން އޭނާ ތިރިން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ބަޔާން މިއުނިކް އިން މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވާތީ އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ މެޗަށް ނިކުތްއިރު އެ ޓީމަށް ހަތް ބަދަލެއް ގެނެސްފަ އެވެ. ނަމަވެސް ދެވަނަ ހާފަށް ނިކުތްއިރު އޭނާ ވަނީ ހެރީ ކޭން އާއި މައިކަލް އޮލިސޭގެ އިތުރުން ޖޯޝުއާ ކިމިޗް ކުޅެން އަރުވާފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކްގެ ކުޅުން ވަރުގަދަކުރި ނަމަވެސް އެ ޓީމަށް ވަނީ ބެންފީކާގެ ކޮޅަށް ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. މި މެޗު ކުޅެމުންދިޔައިރު ހޫނު ގަދަވުމުގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށްވެސް ވަނީ އެކަމުގެ އަސަރުކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 23 މިނިޓު ފަހުން މެޗުގެ ރެފްރީ ވަނީ ދެވަނަ ފަހަރަށް ކޫލިން ބްރޭކެއް ދީފަ އެވެ.

މި ނަތީޖާ އާއިއެކު ދެވަނަ ބުރުގައި ބެންފީކާ ނިކުންނާނީ ގްރޫޕް ޑީގެ ދެވަނަ ޓީމާއި ދެކޮޅަށެވެ. އަދި ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅޭނީ ގްރޫޕް ޑީ ގެ އެއްވަނަ ޓީމެވެ.