ޚަބަރު

އެންމެ މޮޅު ރޭޑިއޯ ޑްރާމާއަކަށް "ހިޔަނި"


  • އެންމެ މޮޅު ސްކްރިޕްޓްގެ އެވޯޑްވެސް ލިބުނީ "ހިޔަނި" ޑްރާމާއަށް

ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ޑްރީމްސްކޭޕްގެ ޑްރާމާ "ހިޔަނި" ހޮވިއްޖެއެވެ.

ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

1446ވަނަ އަހަރު ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތަކީ ކްލަބް ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި 19 އިދާރާއަކުން 23 ޑްރާމާއެއް ވަނީ ހުށަހަޅާފައެވެ. އަދި މި ޑްރާމާތައް ގެނެސްދީފައިވަނީ ދެމަސް ދުވަހަށް ބަހާލައިގެންނެވެ.

ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ޑްރީމްސްކޭޕްގެ ޑްރާމާ "ހިޔަނި" ހޮވުނުއިރު، އެންމެ މޮޅު ސްކްރިޕްޓްގެ އެވޯޑްވެސް ލިބުނީ އެ ޑްރާމާއަށެވެ.

މުބާރާތުގެ 2 ހާސިލުކުރީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ކްލަބްގެ ޑްރާމާ "ފާންތަރި" އެވެ. އަދި 3 ވަނައަށް ހޮވުނީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ޑްރާމާ 'ހިރަފުސް'އެވެ.

މުބާރާތުގެ އެންމެ މޮޅު ޕްރޮޑިއުސަރަކަށް ހޮވުނީ ޑްރީމްސްކޭޕްގެ ޑްރާމާ "ހިޔަނި"ގެ ޕްރޮޑިއުސަރ ފާތިމަތު އީމާން ނަޝީދުއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު އަންހެން ވޮއިސް އާޓިސްޓުގެ މަގާމުވެސް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ފިރިހެން ވޮއިސް އާޓިސްޓުގެ މަޤާމު ހޯދީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ޑްރާމާ "ހިރަފުސް" އިން އަހުމަދު ސުޖީތުއެވެ.

މުބާރާތުގެ އެންމެ މޮޅު ޗައިލްޑް ވޮއިސް އާޓިސްޓްޓަކަށް ހޮވިފައިވަނީ ޑްރީމްސްކޭޕްގެ ޑްރާމާ "އެ ހުކުރަށްފަހު"އިން އަމްރާ ޢަޒްމަތު ޢަބްދުﷲއެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން ސަޕޯޓިންގ ވޮއިސް އާޓިސްޓަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑްރާމާ "އެއްކޮޅު ދަތުރު"އިން ހުސެއިން މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު އަންހެން ސަޕޯޓިންގ ވޮއިސް އާޓިސްޓަކަށް ހޮވުފައިވަނީ ޑްރީމްސްކޭޕްގެ ޑްރާމާ "ހިޔަނި"އިން އާމިނަތު ނިޢުމާއެވެ.

މި ރަސްމިއްޔާތުގައި އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމީން ރަޝީދުއެވެ.

ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމީން ރަޝީދާއި ޕީއެސްއެމްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، ރޭޑިއޯ ޑްރާމާއަކީ ވަރަށް ބޮޑަށް ކުރިއެރުވޭނެ ދާއިރާއެއްކަމަށެވެ. އަދި ޑްރާމާއަކީ މިހާރުވެސް އޭގެ ބޭނުން ހިފޭ އަދި އިބުރަތްތެރި ފިލާވަޅުތަކެއް ލިބިދޭ ކަމެއްކަމަށެވެ.

"ރޭޑިއޯ ޑްރާމާއަކީ އަޅުގަނޑުމެންގެ އަޚްލާގާއި އަޅުގަނޑުމެންގެ ސުލޫކު އަޅުގަނޑުމެންގެ ތެރެއަށް ގެނެސްދޭ ވަސީލަތެއް. އެހެންވީމާ މި ހުރިހާ ގޮތަކުން ބަލާއިރުގައިވެސް އަޅުގަނޑު ދެކެނީ ޑްރާމާއަކީ ރޭޑިއޯއިން އަޑު އެހޭ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ އަދި އަޅުގަނޑުމެންގެ ދިރިއުޅުމަށް އޭގެ ފުރިހަމަ ބޭނުންތެރި އަސަރު އަޅުގަނޑުމެންނަށް ގެނެސްދޭ ކަމެއް." ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމުތަކަކީ ރައްޔިތުންގެ މެދުގައި އަބަދުވެސް މަގުބޫލު ޕްރޮގްރާމްތަކެއްކަމަށެވެ.

"މާލޭ ސަރަހައްދުން ކުޑަ ތަންކޮޅެއް ބޭރަށް ޖެހިލީމަ އަޑުގަނޑުމެން ކޮންމެ މީހަކަށްވެސް އިވޭ އަޑެއް އެއީ ދިވެހިރާއްޖޭގެ އަޑު. ކާރަކަށް އެރިއަސް އިވޭނީ ދިވެހި އެފްއެމް. އެހެންމަ އަޅުގަނޑުމެންގެ ރޭޑިއޯގެ ޕްރޮގްރާމްތަކާއި މައުލޫމާތު ގެނެސްދިނުމުގައި ބައްޓަންކުރެވިފައި އޮންނާނީ ހުރިހާ ދާއިރާއަކަށްވެސް ފެތޭގޮތަށް. ހުރިހާ އޭޖް ގްރޫޕަށްވެސް ފެތޭގޮތަށް އަޅުގަނޑުމެންގެ ކޮންޓެންޓް ބައްޓަން ކުރެވިފައި މި ހުންނަނީ." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ދިވެހިރާއްޖޭގެ އަޑުން ދަނީ ރޭޑިއޯ ޑްރާމާ މުބާރާތް ބާއްވަމުންނެވެ. މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ޕްރެޒެންޓިން ދާއިރާއިން މީހުން ބިނާކުރުމެވެ.