ޚަބަރު

މިވަގުތު 1400އަށްވުރެ ގިނަ މީހުން އަންނަނީ ޤުރުއާން ހިތުދަސްކުރަމުން


  • މިވަގުތު 1434 މީހުން ދަނީ ޤުރުއާން ހިތުދަސްކުރަމުން

  • އެއީ 783 އަންހެން އަދި 651 ފިރިހެން މީހުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1400އަށްވުރެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުންއަންނަކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ ޤުރުއާން ހިތުދަސްކުރަމުން އަންނަ މީހުންގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މިވަގުތު 1434 މީހުން ޤުރުއާން ހިތުދަސްކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުންނާއި 651 ފިރިހެނުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، އެންމެ ގިނަ މީހުން ކިޔަވަމުން ޤުރުާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ. އެގޮތުން މާލެ ގޮފީގައި މިވަގުތު 424 މީހުން ޤުރުއާން ހިތުދަސްކުރަމުންދާއިރު، ހުޅުމާލޭ ގޮފީގައި 155 މީހުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ މީހުން ކިޔަވަމުން އަންނަނީ ޢިލްމު އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ. އެއީ 127 މީހުންނެވެ.

ރަށްރަށުގައި އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ރ. ކިނޮޅަހުގައި ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގައެވެ. އެ ގޮފީގައި މިވަގުތު 80 މީހުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ޏ. ފުވައްމަލަކުގައި ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. އެއީ 67 މީހުންނެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ.

އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައެވެ. އެ ސިޓީގައި މިވަގުތު 65 ހާފިޒުން އެބަތިއްބެވެ. އަދި ދެވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ. ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޒުންނަށް ސަރުކާރުން އަންނަނީ ޚައްޞަ އިނާއަތެއް ދެއްވަމުންނެވެ. ދައުލަތުން މިހާރު ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިއާއެކު ޙާފިޒުންނަށް މަހަކު ދެމުން އަންނަ 2000 ރުފިޔާގެ އިނާއަތް 4000އަށް މިމަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.

މީގެ އިތުރުން، ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދޭހަކޮށްދޭ ކަންކަމެވެ.