އަތޮޅު ތެރޭގައި ތަރައްޤީކުރަމުން އަންނަ 13 މިސްކިތެއް މިއަހަރު ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތަކާއި އިތުރު މިސްކިތް ބިނާކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން މި އަހަރުވެސް ގިނަ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު މިސްކިތްތަކެއް ހުޅުވުމައްވެސް ވަނީ ތައްތާރުވެފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އަހަރު 13 މިސްކިތެއް ހުޅުވުމައް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ޤުރުއާނާއި ބެހޭ މަރުކަޒެއް އަދި އިސްލާމިކް ސެންޓަރެއްވެސް ހިމެނޭކަމަށެވެ.
މިއަހަރު ހުޅުވުމައް ނިންމާފައިވާ މިސްކިތްތަކުގެ ތެރެއިން މި މަހުގެ 15ގައި ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ހުޅުވުމަށް ނިންމާފައިވާއިރު، އދ. ދިގުރަށުގެ މިސްކިތާއި ތ. ދިޔަމިގިލި މިސްކިތް މިމަހު 30ގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީގެ ގުރުއާނާއި ބެހޭ މަރުކަޒު އޮގަސްޓް 1ގައި ހުޅުވާއިރު އެ ސިޓީގެ މަރަދޫ މިސްކިތް އޮގަސްޓް 15ގައި ހުޅުވަން ވަނީ ނިންމާފައެވެ. އަދި ނ. މަނަދޫ މިސްކިތްވެސ މިއަހަރު ހުޅުވުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ސެޕްޓެމްބަރު 1ގައި ޅ. ކުރެންދޫ މިސްކިތް އަދި ސެޕްޓެމްބަރު 3ގައި ފުވައްމުލައް ދޫޑިގަން މިސްކިތް ހުޅުވަން ވަނީ ނިންމާފައެވެ. އަދި ލ. ގަން ތުނޑީ މިސްކިތް ސެޕްޓެމްބަރު 15ގައި ހުޅުވަން ދަނީ ތައްޔާރުވަމުންނެއެވެ. އަދި އއ. ހިމަންދޫ މިސްކިތް ނޮވެމްބަރު 5ގައި ހުޅުވުމަށް ނިންމާފައިވާއިރު، ސ. މީދޫ މިސްކިތް ނޮވެމްބަރު 30ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން، ތ. ކަނޑޫދޫ މިސްކިތާއި ވަންދޫ މިސްކިތް 31 ޑިސެމްބަރުގައި ހުޅުވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންއެވެ.
އަތޮޅު ތެރޭގެ އިތުރުން މާލެ ސަރަހައްދުގައި އިސްލާމިކް މިނިސްޓްރީން ދަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެއެވެ.