ވީއޭއެމް ކަޕަށް ނިކުތްއިރުވެސް ދެކެނީ ހުރިހާ ޓީމަކީވެސް މޮޅު ޓީމެއްގެ ގޮތުގައި ކަމަށާއި ކޮންމެ ޓީމަކާއި ޖެހުނަސް ފައިނަލަށް ކުލަބު އެޗްޑީސީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް ކޯޗު އަހުމަދު ސާޖިދު ބުނެފިއެވެ.
ސެމީ ފައިނަލްގައި ދަނޑިމަގު ބަލިކުރުމަަށްފަހު ސާޖިދު ބުނީ މި މުބާރާތަށް ފުރަތަމައިނުންވެސް ނިކުތީ މިދިޔަ އަހަރު ހޯދި ދެ ތަށި ދިފާއުކުރުމަށްފަހު ނުލިބި އޮތް ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ.
މިއަދު ކުޅުންތެރިންވެސް މޮޅުވީ އެރޫހުގައި ކުޅެގެން ހިތްވަރުން ކަމަށް ކޯޗު ބުންޏެވެ. އެހެންވީމާ ފައިނަލް މެޗުގައިވެސް މަސައްކަތް ކުރާނީ ތަށި ދިފާއުކުރުމުގެ އަޒުމުގައި ކަމަށް ކޯޗު ބުންޏެވެ.
ސާޖިދު ބުނީ ޖެހިޖެހިގެން ހަތަރު މުބާރާތަށް ޓީމު ނިކުމެ އޮތް އިރު ރިކަވަރީއަށް ބަލާއިރު މި ލިބެނީ ކޮންމެ މުބާރާތެއް ނިންމުމަށްފަހު އެއް ދުވަސް ކަމުން މުބާރާތްތައް ރޭވިފައި މިއޮތީ އެންމެ ރަނގަޅަށް ނޫން ކަމަަށެވެ. އެހެންނަމަވެސް ކޮންމެ ހާލަތެއްގައި ވިޔަސް މި ބަލަނީ އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭތޯ ކަމަށް ސާޖިދު ބުންޏެވެ.
”އަޅުގަނޑުމެންދެން އިތުރަކަށް ޝަކުވާއެއް މި މުބާރާތުގައި ކުރާކަށްނެތިން. ހަމަ އެއިންގޮތަކަށް ކުރިޔަށްދާނީ“ ކޯޗު ސާޖިދު ބުންޏެވެ.
ވީއޭއެމް ކަޕްގައި ވާދަކުރާ ބިދޭސީ ކުޅުންތެރިންނާއި ގުޅޭ ގޮތުން ސާޖިދު ބުނީ މި ސަރަހައްދުގައި ވޮލީގައި އިންޑިއާގެ ލީގު ނަގާފަ އެންމެ ވަރުގަދަ ލީގު އޮތީ ރާއްޖޭގައި ކަމަށާއި މި ސަރަހައްދުގެ ގައުމުތަކުގެ ރާއްޖޭގައި މި ކުޅޭ ފެންވަރުގެ ބިދޭސީ ކުޅުންތެރިން ނުކުޅޭނެ ކަމަށެވެ. އޭނާ ބުނީ ވީއޭއެމް ކަޕްގެ ގަދަ ފަސް ޓީމުގައިވެސް މިތިބީ ހަމަ ސްޓާރުން ކަމަށެވެ.
އެހެންކަމުން މިއީ މިސަރަހައްދުގެ އެންމެ ވަރުގަދަ ދެވަނަ ލީގު ކަމަަށް ސާޖިދު ބުންޏެވެ.