ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެވެ. މި ލަޤަބު ފަސް ފަހަރު ހޯދާފައިވާއިރު، ދިވެހިރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންނެއްހެން އަންނަނީ، ޤައުމުގެ މައި ދޮރާށި ވެލާނާ އެއަރޕޯޓުންނެވެ. އެއަރޕޯޓުގެ އާ ޓަރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާއިރު، މިއީ ދިވެހި އިޤްތިޞާދަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުން ކުރަމުންދާ ޓާމިނަލަކީ އެތަކެއް ޒަމާންތަކެއް ވަންދެން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ މައި ދޮރާށްޓެވެ. އަހަރަކު 1.5 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ މި ޓާމިނަލުން މިހާރު 2 މިލިޔަން ފަތުވެރިންނަށް އަހަރެއްގެ ތެރޭގައި ޚިދުމަތް އެބަދެއެވެ. އެތަށް ޒަމާނެއްވެސް ޖާގައިގެ ގޮތުން ބޮޑެތި ދަތިތަކެއް މިހާރު ބޭނުން ކުރާ ޓާމިނަލުގައި އެބަހުއްޓެވެ.
ނަމަވެސް މި ދަތިތަކަށް ހައްލެއް ލިބިގެންދާ އައު ޓާމިނަލާއެކުއެވެ. އައު ޓަރމިނަލާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ބުނެއެވެ. ވޯލްޑް ބޭންކުން އެޕްރީލް މަހު ނެރެފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް ރިޕޯޓުގައި، ފާހަގަކޮށްފައިވާގޮތުން އާ ޓަރމިނަލް ބޭނުންކުރަން ފެށި، ފަތުރުވެރިކަމަށް އަންނާނެ ކުރިއެރުންތަކާއެކު ދިވެހިރާއްޖެގެ ޤައުމީ އުފެއްދިންތެރިކަމުގެ ނިސްބަތް 5.2 އިންސައްތަ ކުރިއަރާނެވެ. އައިއެމްއެފްގެ އަރޓިކަލް ފޯ ރިޕޯޓުވެސް ލަފާކުރަނީ 5 އިންސައްތައިގެ ކުރިއެރުމެކެވެ. އައިއެމްފްއިން ވިދާޅުވާ ގޮތުގައި އައު ޓަރމިނަލާއެކު ފަތުރުވެރިކަން ކުރިއެރުވުމަށް މިހާރު ގޮންޖެހުންތަކަކަށް ހައްލު ލިބޭނެއެވެ. އޭޑީބީ އަދި އދ ފަތުރުވެރިކަމުގެ ޖަމިއްޔާއިންވެސް ލަފާކުރަނީ މިފަދަ ގޮތަކަށެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން މިފަދަ ލަފާކުރުންތަކެއް ގެންގުޅޭއިރު، މިވަރުގެ ބަދަލެއްގެ ހަޤީޤީ ފައިދާ އިޤްތިޞާދުގައި ހަމަ ލޮލަށް ފެންނާނެތޯ ސުވާލު އުފެދެއެވެ. އެމްއޭސީއެލްއިން އާ ޓަރމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ޚިދުމަތްދޭނީ އަޅުގަނޑުމެންގެ އަމިއްލަ ޤައުމީ އެއަރލައިނަށެވެ. އޭގެ ފަހުން ސެޕްޓެމްބަރ މަހާއި ހަމައަށްދާއިރު މައިގަނޑު އެއަރލައިންތަކަށް ޚިދުމަތް ދޭން ފެށޭނެއެވެ.
ނަމަވެސް މިވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގުމަށް މިހާރު އޮތް ކެޕޭސިޓީ 50 އިންސައްތަ އިތުރު ކުރަން ޖެހޭ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އައު ޓާމިނަލުގެ ކުރިން 4000 އެއްހައި މީހުން ވަޒީފާ އަދާކުރުމަންދާ މި އެއަރޕޯޓުގެ އާ ޓާމިނަލާއެކު އިތުރު 2000 އެއްހައި ވަޒީފާ އުފެދޭނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ. އާ ޓަރމިނަލް ބޮޑުވެފައި އޮޕަރޭޝަން ފުޅާވެގެންދާއިރު މިކަމަށް ބޭނުންވާ މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ ދުރާލާ ފަށާފައެވެ. މިއީވެސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ލިބިގެންދާ ފާގަތިކަމެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލަކީ ބައިނަލްއަޤްވާމީ އެންމެ މަތީ ފެންވަރުގައި ޚިދުމަތް ދިނުމަށް ތައްޔާރުކުރަމުންދާ ތަނެކެވެ. އާ ޓާމިނަލާއެކު 7.5 މިލިޔަން ފަތުރުވެރިންނަށް އަހަރަކު ޚިދުމަތް ދިނުމުގެ ޤާބިލްކަން ހުންނާނެއެވެ. ކުރީގެ ޓާމިނަލަށް ވުރެ ތަނަވެސް އަދި އިތުރު ވިޔަފާރި ޖާގަތައް އާ ޓާމިނަލުގައި ހުންނައިރު، ދިވެހި ރާއްޖޭގެ އިޤްތިޞާދަށް ވަންނަ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރާއްޖެއަށް ފަތުރުވެރިކަމުން މިހާރު އެވްރެޖްކޮށް އަހަރެއްގެތެރޭ 4.7 ބިލިޔަން ޑޮލަރު ލިބެއެވެ. ނަމަވެސް ސަރުކާރުން ދަނީ، އާ ޓާމިނަލާއިއެކު ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުން 2027 ގެ ނިޔަލަށް 6 ބިލިޔަން ޑޮލަރަށް މި އާމްދަނީ ޖެއްސުމަށް މަސައްކުރަމުންނެވެ. އަދި މިކަން ހާސިލްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠޯރިޤު އިބްރާހިމް ވަނީ ދެއްވާފައެވެ.
ރާއްޖޭގެ މައި ދޮރަށި އަށް ޒަމާނީ ގިނަ ބަދަލުތަކެއް ގެނެސް، ރާއްޖެ ކުރިމަތި މިލަނީ އިޤްތިޞާދީ އިންޤިލާބީ ބަދަލަކަށެވެ. އިޤްތިޞާދުގެ މައިނާރު ފަތުރުވެރިކަން "މެކުހަށް" ޖަހަން ލިބޭ ފުރުސަތެކެވެ. އިޤްތިޞާދީ މާހިރުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ލަފަޔަށް އެކަނި ބެލިޔަސް މިކަން ހާމަވެއެވެ.