ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސަރވިސް" އިވެންޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިލާންޖެހިފައިވާ ދަރަނީގެ މައްސަލަތައް ދިމާވަނީ ހިންގުމުގެ ފެންވަރު ދަށްވެގެން ނޫން ކަމަށާއި، އެއީ، ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި އަސާސީ މައްސަލަތަކުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިޑްސްއަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މުހިންމު، މާލީ އިޞްލާޙުތަކަކަށް ވަކާލާތުކުރައްވާފައެވެ. އަދި ތަރައްޤީއަށް ވުނަކުރުމަށް މަގުފަހިކުރުމަށްޓަކައި "ފިސްކަލް ސްޕޭސް"އެއް ތަރައްޤީކޮށް، ކޮންސެޝަނަލް ލޯނު ނުވަތަ އާންމު ލޯނުތަކަށް ވުރެ ފުރިހަމަ އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ލޯނުހޯދުމާއި، މި ޤައުމުތަކަށް ދަރަނީގެ ދެމެހެއްޓެނިވި އަދި މެނޭޖްކުރެވޭނެ ޕޯޓްފޯލިއޯއެއް އުފެއްދުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ މާލީ މާހައުލުގައި ސިޑްސްގެ ޤައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސަރވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ. ސިޑްސް އަށް ޚާއްޞަކުރެވިގެން ޙައްލުތަކެއް ހޯދައި، ދޭސީ އީޖާދީ އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް ފުރުޞަތު ފަހިވާނެކަން ފާހަގަކުރައްވައި، މިފަދަ ޚިދުމަތެއްގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ފެށުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބާރުއަޅުއްވާފައެވެ.
މި އިވެންޓުގައި، އެކިއެކި ޤައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އެކުވެރި އދ.ގެ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެފްއެފްޑީ4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.