ކުޅިވަރު

އިނގިރޭސި ކުޅުންތެރިންނަށް ހިތްވަރުދެއްވީ ޕްރިންސް ވިލިއަމް


އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޕްރިންސް ވިލިއަމް ހިތްވަރުދެއްވައިފިއެވެ.

ސްވިޒަލޭންޑްގައި އިއްޔެ ފެށި މުބާރާތަށް ޓީމު ފުރުމުގެ ކުރިން އެންމެ ފަހުގެ ޗެމްޕިއަން ޓީމާ އޭނާ ބައްދަލު ކުރެއްވީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ ހައިސިއްޔަތުންނާ ވެސް އެކުގަ އެވެ. އޭނާ ވަނީ ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.

ޕްރިންސް ވިލިއަމް މި ފަހަރު ޓީމާ ބައްދަލު ކުރެއްވީ އޭނާ އަށް ފާޑުކިއުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ. އެއީ 2023 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބޭއްވި ވޯލްޑް ކަޕުގައި އިނގިރޭސި ޓީމު ކުޅުނު އެއްވެސް މެޗެއް ބަލަން އޭނާ ވަޑައިގެންފައި ނުވާތީ އެވެ.

ނަމަވެސް މި ފަހަރު ޓީމާ ބައްދަލު ކުރައްވައި ވިލިއަމް ވަނީ ޓީމުގެ ތައްޔާރީތަކާއި ބޭނުންވާ ކަންކަން އޮޅުން ފިލުވައިފަ އެވެ. އަދި އޭނާ ވަނީ އިނގިރޭސި ވިލާތުގައި އަންހެނުން ފުޓްބޯޅައިގައި ބައިވެރިވެ، ކުޅެ އުޅޭ މިންވަރު އިތުރު ވަމުންދާތީވެ އެކަމާ އުފާ ކުރައްވާކަން ފާހަގަ ކުރައްވައިފަ އެވެ.

އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިނގިރޭސިން ހިމެނެނީ ގްރޫޕް ޑީގަ އެވެ. މި ގްރޫޕުގައި ހިމެނެނީ ފްރާންސާއި ވޭލްސް އަދި ނެދަލޭންޑސް އެވެ.

މުބާރާތުގައި އެންމެ ގަދަވާނެ ކަމަށް ބެލެވިފައިވާ އެއް ގައުމަކީ ވެސް އިނގިރޭސި ވިލާތެވެ. އޭގެ އެއް ސަބަބަކީ އަންހެނުގެ ޗެމްޕިއަންސް ލީގު އާސެނަލް ކާމިޔާބު ކޮށްފައިވުމާއި ގައުމީ ޓީމު ފާއިތުވެދިޔަ ހަތަރު އަހަރު ހޯދާފައިވާ ނަތީޖާތައް ރަނގަޅު ވުމެވެ. ނަމަވެސް އިނގިރޭސި ޓީމުގެ އެއްވަނަ ކީޕަރު މުބާރާތުގެ މަހެއްހާ ދުވަސް ކުރިން ރިޓަޔާ ކުރުމަކީ ޓީމަށް ދިމާވެފައިވާ އުނިކަމެކެވެ.