ޚަބަރު

އިސްލާމީ މަރުކަޒުތަކުގައި ޤާއިމްކުރާ ލައިބްރަރީތަކަށް ބޭރު ޔުނިވާސިޓީއަކުން 60 ހާސް ފޮތް ހަދިޔާކުރަނީ


  • މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

  • މިސްކިތުގައި ޤާއިމް ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދޭ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފައެވެ. މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކޮށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.

ބޭރުގެ ޔުނިވާރސިޓީއަކުން ފޮތް ހަދިޔާ ކުރުމާއި ގުޅިގެން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށެވެ. އެގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. އެގޮތުން މާލޭގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ޤާއިމް ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މިދިޔަ އަހަރު ލޯންޗުކުރި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އައު ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހިމެނެއެވެ. މި ލައިބްރަރީގައި 2008 ވަނަ އަހަރުން ފެށިގެން އެ ވުޒާރާއިން ނެރެފައިވާ ފޮތްތައް އޮންލައިންކޮށް ކިޔައިލެވެއެވެ.
އެވުޒާރާއިން ވިދާޅުވީ އަމާޒަކީ އިސްލާމީ އަދި ތަފާތު ދާއިރާތަކުން ވީހާވެސް ގިނަ އަދަދެއްގެ ފޮތްތައް، ވުޒާރާގެ އީ-ލައިބްރަރީން ކިޔޭނެ ގޮތް ހެދުން ކަމަށެވެ.