ޚަބަރު

އެމްއެމްޕީއާރްސީ ގެއްލުމުގައި ހިންގާތާ 3 އަހަރު؛ ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުން


  • 2019 ގައި 23 މިލިޔަންގެ ފައިދާއެއް؛ 2024 ގައި 27 މިލިޔަންގެ ގެއްލުމެއް

  • ބޮޑެތި ފެއަރތައް ފިޔަވައި އެހެން ފެއަރތަކުގައި ބައިވެރި ނުވެ ރޯޑް ޝޯވްތަކަށް އިސްކަން ދެނީ

  • އާމްދަނީ އިތުރުކުރުމަށް ގޮތްތަކެއް ހޯދުމަށް އެސްއޯއީ ކޮމެޓީން ލަފާދޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ މި ވޭތުވެ ދިޔަ 3 އަހަރުވެސް ހިންގަމުން އައި ގެއްލުމުގައި ކަމަށާއި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު އަޅާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ރިޕޯޓުން ދައްކައިފިއެވެ.

ފަތުރުވެރިިކަމުގެ ދައިރާގެ ކުންފުނިތަކުގެ ހާލަތު ބެލުމަށް އެކޮމެޓީން ކުރި މަސައްކަތުގެ ދަށުން އެމްއެމްޕީއާރްސީގެ ހާލަތު ވަނީ ބަލާފައެވެ. ކޮމެޓީގެ ދިރާސާ ރިޕޯޓުގައި ކުންފުނީގެ މާލީ ހާލަތައް ތަފްސީލީ ގޮތެއްގައި ބަލައި ކުންފުނީގެ ހާލަތު ރަނގަޅު ކުރަން އަޅާފައިވާ ފިޔަވަޅުތަކާއި ކޮމެޓީން ރަނގަޅު ކުރަން ފެންނަ ކަންކަން ވަނީ ހިމަނާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތް މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ބޮޑާށް ދައްވެފައެވެ.

ކުންފުނީގެ ފާއިތުވި 6 އަހަރުގެ މާލީ ތަފާސްހިސާބުތައް

  • 2019 - 23,654,396 ރުފިޔާ ފައިދާ
  • 2020 - 334,833 ރުފިޔާ ފައިދާ
  • 2021 - 141,977,908 ރުފިޔާ ގެއްލުން
  • 2022 - 42,290,591 ރުފިޔާ ގެއްލުން
  • 2023 - 17,997,662 ރުފިޔާ ގެއްލުން
  • 2024 - 27,746,203 ރުފިޔާ ގެއްލުން

ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ކުންފުނިން ގިނަ މަސައްކަތް ކުރަން ޖެހޭއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތައް އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރުން ފެށިގެން ރަނގަޅު ފިޔަވަޅުތަކެއް އަޅަން ނިންމިފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު މިއަހަރު މެމްބަރޝިޕް ފީ ބޮޑުކޮށް އިޝްތިހާރު ވިއްކައިގެން 20 އިންސައްތައާއި ހަމައަށް އާމްދަނީ އިތުރުކޮށްފައިވެއެވެ. އަދި ރޯޑް ޝޯ އަދި ފެއަރ ޕާޓިސިޕޭޝަން ފީ ބޮޑުކުރުމުން، މިއަހަރު ތެރޭ ޖުމްލަ އާމްދަނީ 49 އިންސައްތަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ބައިވެރިވާ ފެއަރތަކުގައި ނަގާ ޖާގަ ކުޑަކޮށްގެން 5 އިންސައްތަ ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ.

އެކުންފުނިން ވަނީ މިއަހަރު ގިނަ ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމަށް ނިންމާ މުހިންމު މާކެޓުތަކުގައި ރޯޑް ޝޯވްތައް ކުރިއަށް ގެންދަން ނިންމާފައެވެ. މިއާއެކު 17 ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވާނެއެވެ.

މީގެ އިތުރުން އެހެން ފަރާތްތަކާއި ގުޅިގެން ޖޮއިންޓް މާކެޓިން ކެމްޕެއިންތަކެއް ހިންގުމުގެ ސަބަބުން، ކެމްޕެއިންތަކަށް ކުރާ ޚަރަދު 30 އިންސައްތައާއި ހަމައަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިވަގުތު އެކުންފުނިން މިފަދަ 12 ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން ޚަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ޚަރަދު ކުޑަކުރަން އަޅާފައިވާ އެހެން ބައެއް ފިޔަވަޅުތައް

  • ޕްރިންޓް ކުރުމަށް ކުރާ ޚަރަދުކުޑަކޮށް 3.7 މިލިޔަން ސަލާމަތްކޮށްފައިވޭ
  • ކުންފުނީގެ ދެ ގުދަނުން އެއް ގުދަން ވަނީ ދޫކޮށްލާފައި
  • ފެއަރތަކުގައި ބޭނުންކުރާ ސާމާނު ފޮނުވުމަށް ކުރާ ޚަރަދު 1.7 މިލިޔަން ރުފިޔާ ކުޑަކޮށްފައިވޭ

އެސްއޯއީ ކޮމެޓީގެ ރިޕޯޓުގައި ވަނީ މިވަގުތު ކުންފުނީގެ ޚަރަދުތައް މެނޭޖްކުރުމަށް ސަރުކާރަށް ބަރޯސާވެފައިވާކަން ފާހަގަކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިތުރު ގޮތްތަކެއް ހޯދުމަށް ލަފާދީފައެވެ. މިގޮތަށް ލަފާދީފައިވާއިރު ކުންފުނީގެ ގިއަރިންގ ރޭޝިއޯތައްކަމުގައިވާ ޑެޓް ޓު އިކުއިޓީ ރޭޝިއޯއާއި ޑެޓް ޓު ޓޯޓަލް ކެޕިޓަލް ރޭޝިއޯގައި މައިނަސް އަދަދުތަކެއް ހުރުމުން މިއީ ބަނގުރޫޓޫ ވުމުގެ ނުރައްކާ އޮތް ކަމަށް ދޭހަވާ ކަމަކަށް އެސްއޯއީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީން ވަނީ އެކުންފުނީގެ މާކެޓިން ކެމްޕެއިންތައް ހަރުދަނާކޮށް ކެމްޕެއިންތަކަށް ކުރާ ޚަރަދު ކުޑަކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަން ދިނުމަށް ނިންމައި، މުހިންމު މާކެޓުތަކަށް އިސްކަން ދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.