ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ވަން ގޭމް ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް ޗެލެންޖުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
ވެމްކޯއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްޓެލްކޯ ރެކްރިއޭޝަން ކުލާބާއި ބައްދަލުކޮށް 2-0 ސެޓުންނެވެ.
ރޭ ކުޅުނު ފައިނަލްގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ސެޓު ތަފާތު ބޮޑު ނަތީޖާއަކުން ވެމްކޯއިން ގެންދިޔައީ 19-4 ންނެވެ.
އެހެންނަމަވެސް ދެވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށްގެންނެވެ.ސްޓެކްލޯއިން ވެމްކޯ ހިފަހައްޓަން މަސައްކަތް ކުރި މި ސެޓު ވެމްކޯއަށް ކާމިޔާބު ކުރެވުނީ އެންމެ ޕޮއިންޓެއްގެ ފަރަގަކާއި އެކު 17-16 ންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޖުނާއެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށްވެސް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. އެގޮތުން އެންމެ ހަތަރު ފަސް އަންހެން ކުޅުންތެރިންނަށް ހޮވުނީ ވެމްކޯގެ ޖުނާ އާއި ފިރުޝާނާ ނަސީރު އަދި އެމްޕީއެލްގެ ޖޫޒަން ޒަރީރު، ސްޓެލްކޯގެ ފާތިމަތު ލީމް ބިންތި ޔާސިރު އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އައުޝާ ނޫރުލް ސޮބާހެވެ.
މިއީ ވަން ގޭމް އިން އިންތިޒާމުކޮށްގެން މާލެ ސަރަހައްދުގައި ބޭއްވު ފުރަތަމަ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތެވެ.