ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަންތައް ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރާއި، ސިއްޙީ ވުޒާރާގެ އިތުރުން މުޖްތަމަޢުގެ އާންމު ފަރުދުންގެ ފަރާތުންނާއި ހިޖުރަވެރީންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން މޯލްޑިވްސްއިން ބުނެފިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޤައުމީ ސިޔާސަތު އިފްތިތާޙުކޮށްފައިވަނީ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ.
ނޭޝަނަލް މައިގްރެންޓް ހެލްތް ޕޮލިސީ ނުވަތަ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުމެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަންގެ، މޯލްޑިވްސް ނޭޝަނަލް ޕްރޮގްރާމްގެ މެނޭޖަރ އަހުމަދު މުޙައްމަދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ސައްހަ ލިޔެކިޔުންތައް ނެތި ގާތްގަނޑަކަށް 70،000 އެއްހާ ބިދޭސީން މަސައްކަތްކުރަމުންދާކަމަށެވެ.
ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުންކަން ފާހަގަކުރައްވާ އަހުމަދު މުޙައްމަދު ވިދާޅުވީ، މި މަސައްކަތަކީ ހަމައެކަނި ސަރުކާރުގެ އެއްބާރުލުން ލިބިގެން ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ.
"ވަރަށް ބޮޑު މަސައްކަތެއް މިއީ، ހަމައެކަނި ސަރުކާރަކަށް ހެލްތު މިނިސްޓްރީއަކަށް ކުރެވޭނެކަމެއް ނޫން މިއީ. މީޑިއާއަށް ވަރަށް މުހިންމު ރޯލެއް އަދާކުރެވިދާނެ، ސިވިލް ސޮސައިޓީ ނުވަތަ މަދަނީ މުޖްތަމަޢުތަކަށްވެސް ރޯލެއް އަދާކުރެވިދާނެ މިކަމުގައި. ދެން ޚާއްސަގޮތެއްގައި ރަށްރަށުގެ ކައުންސިލްތަކާއެކު ބައިވަރު މަސައްކަތްތަކެއް އެބަ ކުރަންޖެހޭ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި." އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މާލެ ސަރަޙައްދުގައި އެކަނިވެސް %40 ބިދޭސީން ތިބިކަން ފާހަގަކުރައްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭގެ ޑިރެކްޓަރ ޕަބްލިކް ވޯކްސް ސަނާ ސަލީމް ވިދާޅުވީ، ރާއްޖެއަށް މީހުން ގެންނަ ފަރާތްތަކުންވެސް އެމީހުންގެ ކަންކަން ގާތުން ބެލުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން މުހިންމުކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ފާހަގަވާ މުހިންމު އެއްކަމަކީ އެ ރެސްޕޮންސަބިލިޓީ. އެމްޕްލޯޔީސް ގެންނަ ފަރާތްތަކުން އެ ރެސްޕޮންސަބިލިޓީ ނެގުން ވަރަށް މުހިންމު. އެއްވެސް ކަހަލަ ތަފާތު ކުރުމެއް މީގެތެރެއިން ނުގެނައުން. އެމީހަކު މިކޮޅަށް އައުމާއި، ސިއްޙީ ކަންތައް ބެލެހެއްޓުމާއި، އެމީހާގެ އިންޝުއަރަންސް ބަރާބަރަށް ދައްކަމުން ދިޔުމާއި، އަދި ޚާއްސަކޮށް ހެލްތު ކަމެއް ދިމާވެއްޖެއްޔާ ކުރީބައިގައި ހެލްތު ފެސިލިޓީއަކަށް ގެންދިއުން ފަދަ އިންތިޒާމްތައް ހަމަޖެއްސުން." ސަނާ ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަނާ ސަލީމް ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންކަން ކުރިޔަށްގެންދިއުމަށްޓަކައި މުޖްތަމައުގެ ފަރުދުންނާއި، ބިދޭސީންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށެވެ.
ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކުރެވިފައިރެވިފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ:
• މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން
• ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުން
• ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުން
• ނާޒުކުކަން ކުޑަކުރުން
• ނިޒާމުތައް ޤާއިމުކުރުން
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރެވިގެންދިއުމާއެކު، ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް ކަށަވަރުކުރުކުރެވިގެންދާނެކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ޚިދުމަތް ދެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.