ޚަބަރު

ކުޑައިރު އަލަށް އެއްބަސްވުމެއްގައި ސޮއިކުރެވުނުފަދަ އިހުސާސެއް ކުރެވެނީ: ޕޮގްބާ


ފްރާންސްގެ މޮނާކޯއަށް ސޮއިކުރެވުމުން އިހުސާސް ކުރެވެނީ ކުޑަކުއްޖެއްގެ ގޮތުގައި މުޅިން އަލަށް ޓީމަކާއެކު ކުޅެން އެއްބަސްވުމެއްގައި ސޮއިކުރެވުނު ފަދަ އިހުސާސްތަކެއް ކަމަށް ފްރާންސްގެ މަޝްހޫރު މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ޕޮގްބާ މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި މިދިޔަ އަހަރު ފީފާއިން ވަނީ 4 އަހަރަށް ސަސްޕެންޑްކޮށްފައެވެ. އެހެންނަމަވެސް ކުޅުވިރުގެ އާބިޓްރޭޝަން ކޯޓުގައި މައްސަލަ އަލުން ބެލުމަށްފަހު ޕޮގްބާގެ ސަސްޕެންޝަން 18 މަސްދުވަހަށް ކުޑަކުރިއެވެ.

ޕޮގްބާގެ ސަސްޕެންޝަންއަށްފަހު އޭރުގެ ކްލަބް ޔުވެންޓަސްއިން ޕޮގްބާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ސަސްޕެންޝަންގެ އިތުރުން އިންޖަރީގެ ގިނަ މައްސަލަތަކެއްވެސް އުޅެމުންދިއުމުންނެވެ.

ފްރާންސްގެ މޮނާކޯ އާއި ގުޅުމަށްފަހު ޕޮގްބާ ބުނީ އެއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ ކަޅު ދުވަސްކޮޅު ކަމަށް، އެހެންނަމަވެސް އަބަދުވެސް އަނބުރާ ދަނޑަށް ނިކުތުމުގެ އަޒުމު އޮތް ކަމަށެވެ.

ޕޮގްބާ އިތުރަށް ބުނީ އޭނާގެ ހުރިހާވެސް ވިސްނުމެއް ހުރީ ދަނޑަށް ނިކުތުމަށް ކަމާށާއި މޮނާކޯގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ބޭނުންވަނީ ފްރާންސްގެ ޤައުމީ ޓީމަށް އަލުން އަރަންކަމަށާއި މިއީ އެކަމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

2016 ވަނަ އަހަރު އޭރުގެ ރެކޯޑް ފީއަކަށް މެންޗެސްޓަރ ޔުނައިޓެޑާއި ދެވަނަ ފަހަރަށް ގުޅުނު ޕޮގްބާ ވަނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފްރާންސްއަށް ކާމިޔާބުކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.