ޚަބަރު

ގައުމީ ވޮލީބޯޅަ ލީގު: އެޗްޑީސީ ބަލިކޮށް ދަނޑިމަގަށް ރަނގަޅު ފެށުމެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ކުލަބު އެޗްޑީސީ ބަލިކޮށް، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ދަނޑިމަގުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ގެންދިޔައީ އެޗްޑީސީންނެވެ. އެކަަމަކު ދަނޑިމަގުން ވަނީ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި ސެޓުތައް އެ ޓީމުން ގެންގޮސްފައިވަނީ 25-21، 25-22 އަދި 25-12 އިންނެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމު ދެން ދަތުރުކުރާނީ ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތަށެވެ.