ޚަބަރު

އަލް ހިލާލް ބަލިކޮށް ފުލުމިނެންސޭ ސެމީއަށް


ފީފާ ކުލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލްގެ ޖާގައެއް ބްރެޒިލްގެ ފުލުމިނެންސޭއިން ހޯދައިފިއެވެ.

ފުލުމިނެންސޭއިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓާ ފައިނަލްގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

އޯލަންޑޯގެ ކޭމްޕިންގ ވޯލްޑް ސްޓޭޑިއަމްގައި ސާޅީސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް މެތިއުސް މާޓިނޭލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ފުލުމިނެންސޭ އިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ރެފްރީ ވަނީ އަލް ހިލާލް އަށް ޕެނަލްޓީ އެއް ދީފަ އެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި އަލް ހިލާލް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ހާލިދު ކުލިބާލީ ބޮލުން ޖައްސާލި ބޯޅައެއް މާކޮސް ލިއޮނާޑޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.

މި މެޗުން ފުލުމިނެންސޭ މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހާކިއުލެސް އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ފުލުމިނެންސޭ އާއި ދެކޮޅަށް ނިކުންނާނީ ޗެލްސީ އެވެ.