ޚަބަރު

ގައުމީ ވޮލީބޯޅަ ލީގު: ޕޮލިސް ކުލަބު އަތުން ދަނޑިމަގު ބަލިވެއްޖެ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި މިއަދު ހަވީރު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 25-14، 25-22، 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ޗިރާގެވެ.

ރަނގަޅު ފެށުމަކުން މުބާރާތް ފެށި ދަނޑިމަގަށް ޕޮލިސް ކުލަބު އަތުން މޮޅުވެވޭ ގޮތް ނުވި ނަމަވެސް، ލީގުގެ ފުރަތަމަ މެޗުގައި ރޭ ދަނޑިމަގުން ވަނީ ފަހަތުން އަރާ 3-1 ސެޓުން ކުލަބު އެޗްޑީސީ އަތުން މޮޅުވެފައެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.