ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭގެ އާ ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ބެގޭޖް ޗެކިންއަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. އާ ޓާމިނަލުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމްއަކީ މެލޭޝިއާގެ ކުއަލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް އަދި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމެއް ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.
އެމްއޭސީއެލުން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ބޭނުންކުރާ ބެގޭޖް ހޭންޑްލިން ސިސްޓަމްއިން ގަޑިއިރެއް ތެރޭ 1200 ދާގީނާ، މިނެޓެއްގެތެރޭ 20 ދާގީނާ ސްކްރީން ކުރެވޭނެ ކަމަށެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރާނެ ކަމަށާއި، މުޅި ސިސްޓަމްގެ %80 ނުވަތަ %90 މަސައްކަތް ކުރިއަށްދާނީ އޮޓަމެޓިކްކޮށް ކަން އެކުންފުނިން ފާހަގަކުރެއެވެ.
އެމްއޭސީއެލުން ވިދާޅުވީ މިހާރު ދާގީނާ ސްކްރީން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަަމަށެވެ. އެގޮތުން ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލުމާއި، ދާގީނާ ސްކޭން ކުރުމުގައި އެންމެ ސެކިއުރިޓީ މަރުހަލާއެއް އޮތުން ގޮންޖެހުން ތަކެއް ހުރި ކަމަށެވެ.
އާ ޓާމިނަލް އާއެކު ދާގީނާ ސްކްރީން ކުރުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. އެގޮތުން މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލާ ހިލާފަށް އާ ޓާމިނަލުގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރަން ނުޖެހޭނެ ކަމަށާއި، ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ. އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނާނެއެެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ ކަމަށާއި މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާ ތިން މަރުހަލާއެއް ވާކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
- ޗެކިން ވުމަށްފަހު ދޫކޮށްލާ ދާގީނާ ފުރަތަމަ ދާނީ މި މަރުހަލާއަށް
- މި މަރުހަލާގައި ދާގީނާތަކުގެ ސްކްރީންތައް ކުރިއަށްދާނީ އޮޓަމެޓިކް ސިސްޓަމްތަކަކުން
- އެކަމަށްޓަކައި ބޭނުންކުރާނީ އެންމެ ފަހުގެ އީޑީއެސް (ސީޓީއެކްސް) ކެޕޭސިޓީގެ 4 މެޝިން
- މިއީ ތްރީ-ޑީކޮށް ދާގީނާ ސްކްރީން ކުރާ މެޝިންތަކެއް، މިއީ ރާއްޖޭގައި މިފަދަ މެޝިންތަކެއް ބޭނުންކުރާ ފުރަތަމަ ފަހަރު
- މި މަރުހަލާ އިން އެއްވެސް ކަމެއް ފާހަގަކުރެވިއްޖެ ނަމަ ދާގީނާ ދެން ފޮނުވާލާނީ 2 ވަނަ މަރުހަލާއަށް
- މިއީ އޮޓަމޭޓެޑް މެޝިނުން ފާހަގަވި ކަންތައް އިތުރަށް ކަށަވަރު ކުރުމަށް ފޮނުވާ މަރުހަލާ
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން
- އެގޮތުން އެވްސެކޮމްގެ އޮފިސަރުންނަށް ހާއްސަ 18 މޭޒާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ހާއްސަ 22 މޭޒު ހުންނާނެ
- ނަމަވެސް އެ އޮފިސަރުން ދާގީނާ ސްކްރީން ކުރުމުގެ މަސައްކަތް ކުރާނީ ސިސްޓަމެއް މެދުވެރިކޮށް
- މި މަރުހަލާ އިން އެއްވެސް މައްސަލައެއް ފާހަގަނުވެއްޖެ ނަމަ ދާގީނާ އަނބުރާ އާންމު ރޫޓަށް ފޮނުވާލެވޭނެ
- މައްސަލައެއް ފާހަގަވެއްޖެ ނަމަ ދާގީނާ ފޮނުވާލާނީ ތިންވަނަ އަދި އެންމެ ފަހު މަރުހަލާއަށް
- މިއީ އާ ޓާމިނަލްގެ ދާގީނާ ހޭންޑްލިން ސިސްޓަމުން ދާގީނާ ސްކްރީން ކުރާނެ އެންމެ ފަހު މަރުހަލާ
- މި މަރުހަލާގައިވެސް ދާގީނާ ސްކްރީން ކުރާނީ އެވްސެކޮމްގެ އޮފިސަރުން
- މި މަރުހަލާގައި ދާގީނާ ސްކްރީން ކުރާނީ ޑުއަލް ވިއު ސްކްރީނިން މެޝިންތަކުން. މިއީ މިހާރުވެސް ބޭނުންކުރާ އަޔާޓާ ސްޓެންޑަޑްގެ މެޝިންތަކެއް
- އެކަމަށްޓަކައި 6 ސްޓޭޝަން ހުންނާނެ
މި މަރުހަލާގައި ދާގީނާ އިން މަތިންދާ ބޯޓަށް އަރުވަން މަނާ އެއްވެސް އެއްޗެއް ފެނިއްޖެ ނަމަ ދާގީނާ ހުޅުވާނެއެވެެ. އެގޮތުން އެކަން ކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ގެންގޮސްއެވެ. ދާގީނާއެއް ހުޅުވާނީ އެ ދާގީނާއެއް ނިސްބަތްވާ މީހަކު ގެނެސް އޭނާގެ ހާޒިރުގައެވެ. އަދި ދާގީނާ އިން ނަގަންޖެހޭ އެއްޗެއް ފާހަގަވެއްޖެ ނަމަ، އެ އެއްޗެއް ނެގުމަށްފަހު ދާގީނާ ލޯޑް ކުރަން ފޮނުވާލެވޭނެ ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ.
- މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގައި ދާގީނާ ނެރެން އިންނަނީ 4 ބެލްޓު
- ވައިގެ މަގުން ރާއްޖެ އަންނަ ފަސިންޖަރުން އިމިގްރޭޝަން މަރުހަލާ ނިމި، ދާގީނާ އަންނަން ދެން ގިނަ ވަގުތު މަޑުކުރަން ޖެހުމަކީ ބޮޑު ބުރައަކާއި ޝަކުވާއެއް
- ހާއްސަކޮށް ގިނަ ފްލައިޓުތަކެއް އެއްފަހަރާ އަތުވެއްޖެ ނަމަ އެރައިވަލް ހޯލް ފުރި ތޮއްޖެހުމަކީ ދިމާވާ ބޮޑު ދައްޗެއް
- އެކަން ހައްލުކުރުމަށް އާ ޓާމިނަލުގައި ދާގީނާ ނެރެން 6 ބެލްޓް ހުންނާނެ. އަދި ދާގީނާ ސްކޭން ކުރުމަށްފަހު ނެރުމަށް ބޭނުން ކުރާނީ ހައި ސްޕީޑް މެޝިންތަކެއް. މިކަމުގެ ސަބަބުން ދާގީނާ ލިބެންދެން މަޑުކުރަންޖެހޭ ވަގުތު ކުޑަ ކުރެވޭނެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކަށެވެ. އެގޮތުން ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންއާއި އިންޓަނޭޝަނަލް އެއަރޓްރާންސްޕޯޓް އެސޯސިއޭޝަންގެ މިންގަނޑުތަކަށް ފުރިހަމައަށް އެމްއޭސީއެލުން އަމަލުކުރަންޖެހެއެވެ.
އެއަރޕޯޓް ހުޅުވުމުގައި މި މިންގަނޑުތައް ކަށަވަރުކުރުމަށް "އޮރާޓް"ގެ ނަމުގައި ޚާއްސަ ޓީމެއް ވަނީ އުފައްދާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީތައްކަމުގައިވާ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)، އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މިންގަނޑުތައް ކަށަވަރުކުރަންޖެހެއެވެ.
72.000 އަކަ މީޓަރު ބޮޑު އައު ޓާމިނަލަކީ އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭވަރަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދިވެހިވަންތަ ފަރުމާތަކާއެކު 47 ޗެކިން ކައުންޓަރާއި ސެލްފް ސާވިސްގެ 6 ކިއޮސްކާއި ސީޕްލޭން ފަސިންޖަރުންނަށް ޚާއްސަ 24 ކައުންޓަރެއް ޤާއިމްކޮށްފައި ހުންނާނެއެވެ.
ވީއައިއޭގެ އާ ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.