ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި އެވްމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީ ބަލިކޮށް، ހުރާ ކޮމިއުނިޓީ ކުލަބުން ލީގުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ހުރާ މޮޅުވީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން ގެންދިޔައީ ހުރާ ޓީމުންނެވެ. އެކަމަކު އެޗްޑީސީން ވަނީ ދެވަނަ ސެޓު 25-22 އިން ކާމިޔާބުކޮށް، ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ހުރާ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ދެ ސެޓު ގެންގޮސްފައެވެ. އެ ސެޓުތައް ހުރާ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-22 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރާ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މައިކަލްއެވެ.
މި މެޗުން ހުރާ މޮޅުވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. އެއާއެކު ހުރާ އޮތީ ތާވަލުގެ ދެވަނައިގައި ހަ ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.