ޚަބަރު

ހަވާއަރުވަން ޔަހޫދީންނަށް ވާގިވެރިވާ ބަޔަކާ ހަވާލުކޮށްފައެއް ނުވާނެ: އެމްއޭސީއެލް


  • ހަވާއެރުވުމުގެ ކަންކަން ކުރިއަށްދާނީ އެމްއެންޑީއެފްއާއި ގުޅިގެން

  • ހަވާއަރުވަން ހަވާލުކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏަކާއި

ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަވާ އެރުވުމަށް ޔަހޫދީންނަށް ވާގިވެރިވާ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް ދެކެވޭ ވާހަކަ އެމްއޭސީއެލް އިން ދޮގުކުރައްވައިފިއެވެ.

ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް އެ އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އޭގެ ތެރެއިން ހަވާއެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިހަރަކާތް ކުރިއަށް ގެންދަން ހަވާލުކޮށްފައިވަނީ ޔަހޫދީ ދައުލަތައް ވާގިވެރިވާ ކުންފުންޏަކާއި ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ، އިސްރާއީލަށް ވާގިވެރިވާ އެއްވެސް ކުންފުންޏަކާއި އެކުންފުނިން މުޢާމަލާތް ކުރަމުން ނުދާކަމަށާއި އެފަދަ މުޢާމަލާތެއްވެސް ކޮށްފައިނުވާނެ ކަމަށެވެ.

ލަމްޢާން ވިދާޅުވީ އައު ޓާމިނަލް ހުޅުވުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ހަވާއެރުވުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި އެކަން ކުރާނީ މިފަދަ ކަންކަން ކުރުމުގައި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ކުންފުންޏަކުން ކަމަށާއި އެ ހަރަކާތް ކުރިއަށްދާނީ އެމްއެންޑީއެފްއާއި ގުޅިގެންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއޭސީއެލްއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެމް.އޭ.ސީ.އެލްއަކީ ސައްތައިން ސައްސައްތަ ދިވެހިން ކުންފުންޏަކަށްވެފައި، ދިވެހިންގެ ވިންދާއި ނުގުޅޭ ޒާތުގެއެއްވެސް ޢަމަލެއް އެ ކުންފުނިން ކޮށްފައިނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ. މީގެއިތުރުން ބްރޯޑްކާސްޓް މީޑިއާއަކުން ފަތުރަމުން ގެންދާ ހަގީގަތާއި ޚިލާފު ވާހައަކީ އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށްޓަކައި ދައުރުކުރަމުން ގެންދާ ވާހަކަތަކެއްކަމަށާއި އެކަމާއި ގުޅިގެން އެޅެން ޤާނޫނީ ފިޔަވަޅުތައް ބަލަމުން ގެންދާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމަށްޓަކައި މަސައްކަތް ފަށާފައިވާކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވިއެވެ.