މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހު ވަގުތު ޕޯޗުގަލް އިން ލަނޑެއް ޖަހާ 1-1 އިން އިޓަލީ އާއި އެއްވަރުކުރިއިރު 6-2 ގެ ނަތީޖާއަކުން ބެލްޖިއަމް އަތުން ސްޕެއިން މޮޅުވެއްޖެ އެވެ.
ގްރޫޕް ބީގައި ކުޅުނު މި ދެ މެޗަށްފަހު ކުޅުނު 2 މެޗުން މޮޅުވެ ސްޕެއިން އޮތީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އިޓަލީ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޕޯޗުގަލް އޮތީ ތިންވަނައިގައި އެއް ޕޮއިންޓާއެކުގަ އެވެ. އަދި ބެލްޖިއަމް އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ސްވިޒަލޭންޑްގައި ކުރިއަށްދާ މި މުބާރާތުގައި އިޓަލީ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެވަނަ ހާފުގައި އިޓަލީ އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މެޗުގެ 70 ވަނަ މިނިޓުގައި އިޓަލީ އަށް ކުރި ހޯދަދީފައިވަނީ ކްރިސްޓިއާނާ ގިރޭލީ އެވެ.
މި މެޗުން މަދުވެގެން ޕޮއިންޓެއް ނުލިބިއްޖެނަމަ މުބާރާތުގެ ފުރަތަމަ ބުރުން ކަޓާނެކަން ޔަގީންވެފައިވާ ޕޯޗުގަލްއަށް އުންމީދު އައު ވެގެން ގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ޑަޔާނާ ގޯމޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ގްރޫޕްގައި ބެލްޖިއަމް އާއި ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ކުޅުނު މެޗު 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްޕެއިން މޮޅުވެފައިވާއިރު ސްޕެއިންގެ އެލެކްސިއާ ޕުޓެޔަސް ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.
މެޗުގެ 22 ވަނަ މިނިޓުގައި ޕުޔެޓަސް ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް އޭގެ ދެ މިނިޓު ފަހުން ބެލްޖިއަމްގެ ވެންހަވާމެޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް އައިރީން ޕަރެޑޭސް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސްޕެއިން އިން ޖެހި ހަތަރު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެލެކްސިއާ ޕުޓެލަސްގެ އިތުރުން އެސްޓަރ ގޮންޒާލޭޒް އާއި މަރިއޯނާ ކޮލްޑެންޓީ އާއި ކްލައުޑިއާ ޕިނާ އެވެ.