ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކްރިކެޓް ކޯޗުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ކޯޗުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.
މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުނަހަންދޫގައި ހަރަކާތްތެރިވާ ކޯޗުންގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނީޓަރކޮށް ކޯޗުން އިވެލުއޭޓް ކުރެވިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިހުރިހާ މަސައްކަތް ކުރެވިގެންދާނީ ނަތީޖާއަށް ފޯކަސް ކުރެވިގެން ކަމަށާއި މިކަންކަން ތަންފީޒުވެގެން ދާއިރު ކޯޗުންގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަން ނިންމާފަވާކަމަށެވެ.
ކްރިކެޓް ބޯޑުގެ އަމާޒަކީ ފެންވަރު ރަނގަޅު ކޯޗުންގެ އެހީތެރިކަމާ އެކު މި ކުޅިވަރުގައި ކުރިއަށް ދިޔުން ކަމަށް ފައިސަލް ވިދާޅުވިއެވެ. މިކަން ކަމަށް ބާރު އެޅުމުގެ ގޮތުން ކޯޗުންގެ މުސާރައިގަ އޮނިގަނޑަށް މިއަހަރު އޯގަސްޓް މަހުން ފެށިގެން ބަދަލުތަކެއް އަންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
" ކޯޗުންގެ ޕޭ ސްޓްރަކްޗާ އަށް ވެސް ބަދަލުތަކެއް ގެނެސް މިހާރު އޮގަސްޓު މަހުން ފެށިގެން އާ ޕޭ ސްޓްރަކްޗާއެއް އެބަފައްޓަން، އެއީ ތަންކޮޅެށް އިންސެންޓިވް ހައިކޮއްފަ، ހަމަ އެއާއެކު ތަންކޮޅެއް ރަނގަޅަށް މޮނީޓަރ ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ޕޭ ސްޓްރަކްޗަރ މި ރާވަނީ." ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގެ ކްރިކެޓް އިތުރަށް ފުޅާކޮށް މި ކުޅިވަރަށް އާއްމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށް ކްރިކެޓް ބޯޑުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކްރިކެޓް ގްރާސް ރޫޓް ހަރުދަނާކޮށް ކުރިއަށްގެންދިޔުމައްޓަކައި މިއަހަރުގެ ތެރޭގައި ވަނީ މުޅި ރާއްޖެއަށް އަމާޒުކޮށް "ސީޑްސް" ނަމުގައި ޕްރޮގްރާމެއް ފައްޓާފައެވެ.
ކްރިކެޓްގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ އަމާޒާ އެކު ކްރިކެޓް ބޯޑުން ވަނީ އެކަޑަމީއެއްވެސް ތައާރަފްކޮށް މަސައްކަތް ފަށާފައެވެ.