ދުނިޔެ

އިންޑިޔާއިން އެޤައުމުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި


އިންޑިޔާއިން އެޤައުމުގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އިންޑިޔާ ސަރުކާރުން ހިންގާ ތެލާބެހޭ ކުންފުނި ކަމަށްވާ އިންޑިޔަން އޮއިލް ކޯޕަރޭޝަން (އައިއޯސީ) ން ބުނީ އެކުންފުނިން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު އޮގަސްޓް އެކަކުން ފެށިގެން ދަށްކޮށްފި ކަމަށެވެ. މިގޮތުން ޕެޓްރޯލް ލީޓަރަކުން 1.42 ރުޕީސް އަދި ޑީސެލް ލީޓަރަކުން 2.01 ރުޕީސް އަގުހެޔޮކުރިކަން އިންޑިޔަން އޮއިލް ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އިންޑިޔާއިން ތެލުގެ އަގަށް މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގުތައް ދަށަށްދާތީކަމަށް ބެލެވިފައިވާއިރު އިންޑިޔަން އޮއިލް ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ.

އިންޑިޔާ ސަރުކާރުގެ މިނިންމުމާ ގުޅިގެން އިންޑިޔާގެ އާންމުންވަނީ މިއީ ހެޔޮ ބަދަލެއްކަމަށް ސިފަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ވިޔަފާރި ރަނގަޅުވެ ދަތުރުފަތުރުގެ ޚިދްމަތްތަކުގެ އަގުތައް ހެޔޮވުމަށް މަގު ފަހިވެގެންދާނެކަމަށްވެސް އިންޑިޔާގެ އާންމުން ބުނެއެވެ.