ޚަބަރު

"އައިއެސްއޭ ޓުއަރ އަކީ ޒުވާން ކުޅުންތެރިންނަށް ލިބުނު މުހިންމު ފުރުސަތެއް"


އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިންނާއެކު ކުޅުނު މެޗަކީ ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޒުވާން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިސްމާޢީލް އާސިފް ބުނެފިއެވެ.

ހުކުރު ދުވަހު ހަވީރު އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ (އައިއެސްއޭ) އާއެކު ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ކުޅުނު މެޗަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އާސިފް ބުނީ މިފަދަ ގިނަ މެޗުތަކެއް ކުޅެލަން ލިބުމަކީ މުބާރާތަކަށް ދިއުމުގެ ކުރިން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި މިދިޔަ ދުވަސްތަކުގައިވެސް ގައުމީ ޓީމަށް އެންމެ މަދުވީ މިފަދަ މެޗުތަކެއް ކުޅުމުގެ ފުރުސަތުކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތަށް ބައިނަލްއަގްވާމީ ޓީމުތަކާއެކު ތަކުރާރުކޮށް މެޗުތަކެއް ކުޅެލަން ލިބޭނަމަ މިއީ ކުރިޔަށް އޮތް މުބާރާތްތަކުގައި ޒުވާން ގައުމީ ޓީމަށް ރަނގަޅު ނަތީޖާތަކާއި ހަމައަށް ދާން ލިބޭ ރަނގަޅު ފުރުސަތަކަށް ވާނެކަމަށް އާސިފް ބުންޏެވެ.

މިދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ޒުވާން ޓީމާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި، އަންނަ އަހަރުގެ ސާފް މުބާރާތާއި އޭއެފްސީ މުބާރާތްތަކަށް ވަރަށް ރަނގަޅަށް ޓީމު ތައްޔާރުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.

އައިއެސްއޭ ޓުއާ އަކީ މިގޮތަށް ލިބުނު ފުރަތަމަ ފުރުސަތު ކަމަށާއި، މިއީ ޒުވާން ކުޅުންތެރިން ކުރިޔަށްދާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އާސިފް ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ މީ ފްރެންޑްލީއެއް މިގޮތަށް ކުޅެލަން ލިބުނު ފުރަތަމަ ފުރުސަތުހެން. މިއީ ވަރަށް މުހިންމު ކަމެއް ކުރިޔަށްދާން އަސްލު އިންޓަނޭޝަނަލް މެޗުތަކެއް ކުޅުމުގެ ކުރިން އިންޓަނޭޝަލް ޓީމުތަކެއް މިގޮތަށް ލިބުމަކީ" އާސިފް ބުންޏެވެ.

އައިއެސްއޭ އާއި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބައްދަލުކުރި މެޗުގައި ރާއްޖޭން ވަނީ 6 ލަނޑު ޖަހާފައެވެ. 0-6 ގެ ނަތީޖާއަކުން ރާއްޖޭގެ ޒުވާން ޓީމު މެޗު ކާމިޔާބުކުރިއިރު މިއީ ގައުމީ ޓީމަށް ސާފު ޗެމްޕިއަންޝިޕްގެ ފަހުން މިގޮތަށް ބައިނަލްއަގްވާމީ ކުޅުންތެރިންނާއެކު ކުޅެލަން ލިބުނު ފުރަތަމަ މެޗެވެ. އަދި ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ދީފައިވެއެވެ.