ކުޅިވަރު

ލިވަޕޫލްއިން ޖޮޓާގެ 20 ނަންބަރު ރިޓަޔާކޮށްފި


ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާ ލިވަޕޫލްގައި ލައި އުޅުނު 20 ނަންބަރު ޖާޒީ ރިޓަޔާކޮށްފިއެވެ. ލިވަޕޫލްއިން ޖާޒީ ރިޓަޔާކުރީ ކާރު އެކްސިޑެންޓެއްގައި ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު ޖޮޓާ މަރުވުމުން، އޭނާގެ ހަނދާނުގައެވެ.

އުމުރުން 28 އަހަރުގެ ޖޮޓާ މަރުވީ ލިވަޕޫލްގެ ޓްރޭނިންތަކަށް ނުކުތުމަށް ސްޕޭނުން ފުރައިގެން ލަންޑަނަށް ދާ ފެރީއަކަށް އަރަން ކާރުގައި ދިއުމުގެ މަގުމަތީގައި ކާރުގައި ފުރޮޅު ނެއްޓި، އެކްސިޑެންޓެއްވެ، މުޅި ކާރުގައި އަލިފާން ރޯވެގެންނެވެ. މި ހާދިސާގައި އޭނާގެ ކޮއްކޮ އަންދްރޭ ވެސް ވަނީ މަރުވެފަ އެވެ. ސްޕޭނުގެ ފުލުހުން ބުނީ ޖޮޓާގެ ކާރު އެކްސިޑެންޓްވީ މާ ބާރަށް ދުއްވުމުގެ ސަބަބުން ކަމަށެވެ. ދެ ކުޅުންތެރިންގެ ޖަނާޒާ ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު ޕޯޗުގަލްގަ އެވެ.

ލިވަޕޫލުން ބުނީ އެ ކުލަބުގައި ހޭދަކުރި ފަސް އަހަރު ޖޮޓާ ބޭނުންކުރި ޖާޒީ ރިޓަޔާ ކުރަން ނިންމީ އޭނާ ކުލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމަށާއި އަބަދުގެ އަބަދަށް އެ ހަނދާންތައް ހުންނާނެ ހެނދުމަށް ކަމަށެވެ. މި ގޮތުން ލިވަޕޫލްގެ އެއްވެސް ޓީމަކުން 20 ނަންބަރު މީގެ ފަހުން ބޭނުން ނުކުރާނެ ކަމަށެވެ.

ލިވަޕޫލްގެ ސީއީއޯ މައިކަލް އެޑްވަޑް ބުނީ މި ކަމުގެ މައުލޫމާތު ޖޮޓާގެ ހުވަފެން އަނބިކަނބަލުން ރުޓޭ އާއި އާއިލާ އަށް ދީފައިވާނެ ކަމަށެވެ. އަދި މި ކަމަކީ ކީއްކުރަން ކުރާ ކަމެއްކަން އެންމެ ފުރަތަމަ އެނގެން ޖެހޭ ފަރާތަކީ އާއިލާ ކަމަށެވެ.

"ކުލަބެއްގެ ހައިސިއްޔަތުން އަހަރުމެންނަށް އެނގޭ ސަޕޯޓަރުންގެ ވިންދު ހުރި ގޮތް ވެސް މި ކަމުގައި. އަހަރުމެން ވެސް ވިސްނަނީ އެ ފަދައިން. މި ކަމުގައި ޖޮޓާގެ އަންހެނުންނާއި އާއިލާ ބައިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެ މީހުންނަކީ މި ކަމުގައި ބައިވެރިވާން ޖެހޭ އެންމެ ފުރަތަމަ ބައިވެރިންނަކީ،" އެޑްވަޑް ވިދާޅުވި އެވެ.

އޭނާ ބުނީ މިއީ ލިވަޕޫލްގެ ތާރީހުގައި މި ފަދަ ގޮތަކަށް ކުޅުންތެރިއެއްގެ ޖާޒީ ރިޓަޔާކުރި ފުރަތަމަ ފަހަރު ކަމަށެވެ. މިހެންވެ މިއީ ކުޅުންތެރިޔާގެ ހިދުމަތުގެ އަގުވަޒަން ކުރެވުނު މުހިންމު އަދި ތާރީހީ ކަމެއް ކަމަށް ކުލަބުން ގަބޫލު ކުރާ ކަމަށެވެ.