ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް، އެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަގައިގެން ތަމްރީންތަކެއް ފަށައިފިއެވެ. މި ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ތަމްރީން ޕްރޮގުރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖުވެނައިލް ޖަސްޓިސްގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ ޙައްވާ ޒިމްނާ ވިދާޅުވީ މި ތަމްރީންތަކަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދަށް އައުމާއެކު މި ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް ޚާއްސަކުރެވޭ ތަމްރީންތަކެއް ކަމަށެވެ.
ޒިމްނާ ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒުކުރާ މީހުންނަކީ ޚާއްސަ ތަމްރީންތަކެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒުކުރާ ބަޔަކަށް އެނގެންޖެހޭ މުހިންމު ކަންކަމާއި، ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، އިތުރަށް ނިޒާމު ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ތަމްރީންތަކުގައި އަލިއަޅުވާލެވޭނެކަން ޒިމްނާ ފާހަގަކުރެއްވިއެވެ.
"މި ތަމްރީންތައް ނަންގަވައިދެއްވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގަިއ ހިމެނޭ 5 މުއައްސަސާގެ ބޭފުޅުން. މި މީހުންނަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ޚާއްސަ ޓްރެއިނިންއެއް ހަދާފައިވާ ބައެއް." ޒިމްނާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ 5 މުއައްސަސާއަކީ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ވުޖޫދުވީ 2019 ވަނަ އަހަރުއެވެ. މި ޤާނޫނު ވުޖޫދުވިފަހުން މިއީ ކުރިއަށްގެންދެވޭ 9 ތަމްރީން ޕްރޮގުރާމެވެ.
މި ޤާނޫނުގެ މަޤުޞަދަކީ ޤައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ޤައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދަމަހައްޓައި، ތަރައްޤީކުރުމަށް ބާރުއެޅުމެވެ. އަދި ބޮޑެތި މީހުންގެ މައްޗަށް ހިންގޭ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުމާއި، ބޮޑެތި މީހުންގެ މައްޗަށް ހިންގޭ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.