މިއަދުންފެށިގެން ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ އެތެރެކުރެވޭނީ އެކަމަށް ޚާއްޞަ ހުއްދަ ނެގުމަށްފަހުކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ޤަވައިދު އިޞްލާހުކޮށް އެއަށް ޢަމަލުކުރަން ފަށާފައެވެ.
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރ ހައްމާދު ސަލީމް ވިދާޅުވީ އުޅަނދުފަހަރު ރާއްޖެ އެތެރެކުރުމުގެ ހުއްދައަކީ މީގެ ކުރިންވެސް ވުޒާރާއިން ދެމުން އައި ހުއްދައެއްކަމަށެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއެކު ފާއިތުވި 5 އަހަރު ވަނީ އެ ހުއްދަ ދިނުން ހުއްޓާލާފައިކަމަށާއި، އެހެންނަމަވެސް އަލުން މި މަސައްކަތް ފެއްޓީ ރާއްޖެ އެތެރެކުރެވޭ 4 ފުރޮޅުލީ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްތޯ ކަށަވަރުކުރެވޭނެ ނިޒާމާއެކުކަމަށެވެ.
ހައްމާދު ވިދާޅުވީ މީގެ ކުރިން ހުއްދަ ދޭއިރު އެތަނަކީ ވެހިކަލް ބޭއްވޭނެތަނެއްތޯ ނުބެލިނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު އުޅަނދު އެތެރެކުރުމަށް ހުއްދަ ދޭއިރު އެ އުޅަނދެއް ބޭއްވުމަށް ހަމަޖައްސާ ގަރާޖު ނުވަތަ ތަނަކީ އެ އުޅަނދެއް ބޭއްވުމަށް އެކަށޭނަތެއްކަން ބެލުމަށް އެ ވުޒާރާއިން ދާނެކަމަށެވެ. ހުއްދަދޭނީ އެކަންކަން ބެލުމައްފަހުގައިކަމަށް ހައްމާދު ވިދާޅުވިއެވެ.
މި ބަދަލާއެކު އުޅަނދުތައް ބާއްވާނެ ޚާއްޞަ ޖާގަ ކަށަވަރުވެ މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ކުރިއެރުން ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހައްމާދު ވިދާޅުވީ އުޅަނދު އެތެރެކުރުމަށް ބޭނުންވާ ފަރާއްތަކުން އުޅަނދު އެތެރެކުރުމަށް ނަގަންޖެހޭ ހުއްދައަށް އެދޭ ހިސާބުން ހުރިހާ ލިޔެކިޔުމާއި ފުރިހަމަވާންޖެހޭ އެންމެހާ މައުލޫމާތުތައް ފުރިހަމަ ވާނަމަ 5 ދުވަހުގެތެރޭގައި އެފަރާތަކަށް އެ ހުއްދަ ދެވޭނެކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ގަރާޖު ކާރު ރަޖިސްޓްރީ ކުރާ މިންގަނޑަކަށް ބެލިގެން ނުދާނެޔޭ. ބޭނުންވަނީ އެ އޮންނަތަން އެއީ މަގުމަތި ނޫން އަމިއްލަ މީހެއްގެ ބިމެއް ނުވަތަ ކަނޑައެޅިފައި އޮންނަ މީހެއްގެ ބިމުގައި އޮންކަން ކަށަވަރުކުރުން " ހައްމާދު ވިދާޅުވިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާޙުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.
މި ޤަވާއިދު އިސްލާޙުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ޤަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުމަށެވެ.
އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް އެ ވުޒާރާގެ ޕޯޓަލް (eportal.mta.gov.mv) މެދުވެރިކޮށް މިހާރު ހުށަހެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި ޚިދުމަތަށް އެދޭ ފޯމް އެ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.