ފީފާ ކުލަބު ވޯލްޑް ކަޕުގައި މިރޭ ކުޅޭ ފައިނަލް މެޗަކީ ކޭކުގައި އައިސިން ޖަހާލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި، އެކަމަށް މުޅި ޓީމު ތައްޔާރުވެފައިވާ ކަމަށް ފްރާންސްގެ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންރީކޭ ބުނީ މިއީ ސީޒަނުގައި ކުރި ހުރިހާ މަސައްކަތެއް ފުރިހަމަ އަށް ކާމިޔާބުކަމާއެކު ނިންމާލައި ތާރީހު ބަދަލުކޮށްލަން ލިބޭ ފުރުސަތު ކަމަށެވެ.
"އަހަރެން އެންމެނަށް ވެސް ވިސްނައި މިދެނީ މި ފުރުސަތު ދެން ނުލިބޭނެ ކަމަށް. މިއީ އަބަދު ލިބޭނެ ފުރުސަތެއް ނޫން. މިއީ އަހަރުމެން މުޅި ސީޒަނުގައި ކުރި މަސައްކަތް ކާމިޔާބު ކޮށްލަން ލިބޭ ފުރުސަތެއް. މި ކޭކުގައި އައިސިން ޖަހާލުން އުއްމީދަކީ،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް ތިބީ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. ނަމަވެސް ޗެލްސީ އަކީ މޮޅު ޓީމެއް ކަން އޭނާ ފާހަގަ ކުރި އެވެ.
"ޗެލްސީ އެ ވަނީ ޔޫއޭފާ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފައި. ޗެލްސީ އެ އަންނަނީ ކުރިއަރަމުން. އަހަރެން (ޗެލްސީގެ ކޯޗު އެންޒޯ) މަރެސްކާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރަން. އޭނާ އެ ވަނީ ޗެލްސީ ބަދަލުކޮށްލާފައި. އެއީ ޒުވާން ކުޅުންތެރިން ތިބި ބަލި ކުރަން އުނދަގޫ ޓީމެއް،" އެންރީކޭ ބުންޏެވެ.
އޭނާ އަދި ބުނީ ދުނިޔޭގެ ފެންވަރުގެ ތަރިންތަކެއް ނެތި ޕީއެސްޖީ މި ސީޒަނުގައި ހޯދަމުން އަންނަ ކާމިޔާބީ އަކީ ޓީމެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.
"އަހަރުމެންގެ ކާމިޔާބީގެ އަސްލަކީ ވަކި ކުޅުންތެރިއަކަށް ބަރޯސާ ނުވުން. މީގެ ކުރިން ވާ ގޮތަކީ ވަކި މީހަކަށް ނުވަތަ ދެ މީހަކަށް ބަރޯސާ ވެވެނީ. އެކަމެއް މިހާރަކު ނެތް. މިހާރު މިއީ ޓީމެއް. އެގާރަ ކުޅުންތެރިންނަކީ ވެސް ތަރިން. އަދި އެ ފަދަ އިތުރު ކުޅުންތެރިން އެބަތިބި. މި ވިސްނުން އޮތުން ކާމިޔާބީގެ ސަބަބަކީ،" އެންރީކޭ ބުންޏެވެ.
އޭނާ ކޯޗުކަމާ ހަވާލުވުމަށް ފަހު މިވީ އަދި އެންމެ ދެ އަހަރެވެ. ނަމަވެސް ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗު ވަނީ ޕީއެސްޖީ އަށް މި ސީޒަނުގެ ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ކުލަބު ވޯލްޑް ކަޕަކީ ވެސް ޕީއެސްޖީ އަށް މިހާތަނަށް ނުލިބޭ މުބާރާތެވެ. ތާރީހު ބަދަލުކޮށްލަން އޭނާ އެދެނީ މިހެންވެ އެވެ.