ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތުގެ މަގާމުގެ މުއްދަތު އިތުރުކުރަން ކޮމިޓީއަށް ފޮނުވައިފި


  • އިތުރު 5 އަހަރަށް މަގާމުގެ މުއްދަތު އިތުރުކުރަން ވަނީ ހުށަހަޅުއްވާފައި

  • ނިޢުމާތު މަގާމަށް އައްޔަން ކުރެއްވީ 23 ޖުލައި 2020ގައި

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020ގައެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ 5 އަހަރުގެ ދައުރަކަށްވާއިރު މި މަހުގެ 23 ވަނަ ދުވަހު ނިޢުމާތުގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ނިޢުމާތުގެ މަގާމުގެ މުއްދަތުގ އިތުރު 5 އަހަރުގެ މުއްދަތަކަށް އިތުރުކުރެއްވުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.

ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ އެ ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ބާރުއެޅުމަކީ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަސްއޫލިއްޔަތެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް އަމަލުކުރާކަން ބަލާ އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ޒިންމާއެކެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމުގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުމަކީވެސް އެ މަގާމުގެ ހުންނަ މީހެއްގެ މަސައްކަތެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25000 ރުފިޔާއެވެ. އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއެވެ.