ޚަބަރު

ވަޒީރުންގެ 6 ވަނަ "އަހާ ފޯރަމް" މިރޭ


  • މި ފޯރަމް އޮންނާނީ މިރޭ 21:00 ގައި

  • ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ ފޯރަމް މިރޭ އޮންނާނެއެވެ. ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 21:00 ގައެވެ.

މިރޭގެ ފޯރަމްގައި 4 ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިރޭގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުން:

  • • ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
  • • ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް
  • • އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
  • • ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު

ދެ ގަޑިއިރަށް ކުރިއަށްގެންދާ ވަޒީރުންގެ މި ފޯރަމަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ މިފަދަ 6 ވަނަ ފޯރަމެވެ.

މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު މިހާރު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ވަޒީރުންގެ ފޯރަމުގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ޚާއްޞަ ފޯރަމެއްވެސް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ. މީގެއިތުރުން ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން "ރައްޔިތުންނާއެކު" މި ނަމުގައި ޚާއްސަ ސިލްސިލާ ޕޮޑްކާސްޓެއްވެސް ވަނީ ފަށާފައެވެ.